މާލޭގައި ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި 9 ބިދޭސީން އަތުލައިގަތްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތެއްގެ އަލީގައެވެ.
މި އޮޕަރޭޝަނުގައި ހ. ކަޅުހުރާގެ ބަލައި ފާސްކުރިއިރު، އެތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއްކަން ފާހަގަކުރެވުނެވެ.
އަތުލައިގަނެވުނު 9 ބިދޭސީންގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 6 ބިދޭސީން ހިމެނޭކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ. މި ހުރިހާ ބިދޭސީންވެސް މިހާރުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި އިތުރުވަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

