މާރާމާރީއެއް ހިންގުމަށްފަހު ރާއްޖެއިން ބޭރަށް ފިލައިގެން އުޅުނު ތިން މީހަކު، އަހަރެއްހާ ދުވަސް ފަހުން ހޯދައި އަތުލައިގެން ރާއްޖެ ގެނެސްފިއެވެ.
ފުލުހުން މިރޭ ދިން މަޢުލޫމާތުގައިވާ ގޮތުން، މި މާރާމާރީ ހިނގާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހު މާލޭގައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުން ފިލައިގެން ދިއުމާ ގުޅިގެން، އެ މީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ވެސް ނެރެފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި މި ތިން މީހުން ފިލައިގެން ގޮސް އުޅެފައިވަނީ ތައިލެންޑުގައެވެ. އެ ޤައުމުގައި ގަވާއިދާ ޚިލާފަށް އުޅެނިކޮށް ފެނުމާ ގުޅިގެން، ތައިލެންޑުން އެ މީހުން ވަނީ ރާއްޖެއަށް ޑިޕޯޓްކޮށްފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުންނަކީ:
- މުޙައްމަދު ސިބްތު ޢަބްދުﷲ، މާފަންނު މަސްކޮތަންގެ (19 އަހަރު)
- މުޙައްމަދު އަޙްސަމް، ހެންވޭރު ދޮންތުނޑި (26 އަހަރު)
- އަސްވާން މުޙައްމަދު، ލ. ގަން، މުކުރިމަގު (28 އަހަރު)
ފުލުހުން ބުނާ ގޮތުގައި މި ތިން މީހުން ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ހައްޔަރުކުރެވުނެވެ. ނަމަވެސް، ކްރިމިނަލް ކޯޓަށް ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން އަސްވާން މުޙައްމަދު ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

