ކައިވެނިތައް ގިނައަދަކަށް ރޫޅުން، މިއީ މިފަހަކަށް އައިސް ދިވެހި މުޖުތަމަޢު ފެންނަ ވަރަށްވެސް އާންމު އިޖުތިމާޢީ މައްސަލައެކެވެ.
ދިވެހި ރާއްޖެއަށް ބަލާއިރު، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ވަރިގިނަ އެއް ޤައުމެވެ. މުޅި ދުނިޔޭގެ ނިސްބަތުންވެސް، މިކަހަލަ ރޮގަކުން ދިވެހިންނަށް މިހާ ބޮޑު ކުރިއެރުމެއް ލިބެންޖެހޭ ސަބަބެއް ބެލުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމުއެވެ. ކައިވެނި ރޫޅުމުގެ ސަބަބުތައް ދެނެގަންނަން މަސައްކަތް ކޮށްފިނަމަ، އަބަދުވެސް ތަފާތު ސަބަބުތަށް ފާހަގަ ކުރެވިގެންދާނެއެވެ. ވަރަށް ކުދި މައްސަލަތައް ޖެހިގެންވެސް ދެމަފިރިން ވަކިވެފައި އެބަހުއްޓެވެ. ފޯނުގެ ބެލެންސުން 30 ލާރި މަދުވެގެން، އެ 30 ލާރިއަށް ވީގޮތް ފިރިމީހާއަށް ރަނގަޅަށް ކިޔައިނުދެވިގެން އަރާރުންވެގެން ގޮސް، ވަރިޔާ ހަމަޔަށް ގޮސްފައިވެސް އެބަހުއްޓެވެ. އަދި ދެމަފިރިން އެއްކޮށް ބޭރަށް ދާ ގަޑިއެއްގައި، އެހެން އަންހެނަކަށް ބަލާލެވޭ ގޮތަކުންވެސް އަރާރުންވެ، ވަރިޔާއި ހަމަޔަށް އެބަދެއެވެ.
ވަރަށް ތަފާތުކޮށް މިފަހަކަށް އައިސް، ދެމަފިރިންގެ ސިޔާސީ ފިކުރު ތަފާތު ވުމުން، އަރާރުންވެ، މައްސަލަ ގޯސްވެ، ކައިވެނި ރޫޅިފައި އެބަވެއެވެ. އަދި ހަމަ ބީދައިން ވަރަށް ބޮޑެތި މައްސަލަތައް ޖެހި، އަނިޔާކޮށް، ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިގައި އެއްކޮށް ނުއުޅެވިގެން ދެން އެހެން ގޮތެއް ނެތުމުންވެސް، ވަރި އިޚްތިޔާރު ކުރާފަހަރު އެބައާދެއެވެ.
ކައިވެނި ރޫޅުމުގައި މިހުރިހާ ތަފާތު ސަބަބުތަކާއި މުޅިން ތަފާތު ސަބަބެއް މިލިޔުމުގައި އަލި އަޅުވާލަމެވެ. ގިނަ ކައިވެނިތައް ރޫޅޭ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، މިފަހަކަށް އައިސް އަންހެންނުން ނާއި ފިރިހެނުންނަށް، އެމީހުންގެ ހައްޤުތައް މާބޮޑަށް ދަސްވެފައި، ދެމަފިރިންގެ ޒިންމާ އެކަކު އަނެކަކަށް ނޭނގުމެވެ.
މިޒަމާނަކީ، ހައްގުތަކުގެ ވާހަކަ ވަރަށް އަޑަށް ބާރުލައި ދައްކާ ޒަމާނެކެވެ. އަންހެނުން ބާރުވެރިކުރުމާއި، ފިރިހެންނާއި އަންހެނުންގެ ހަމަހަމަކަމުގެ ވާހާކަ މުޖުތަމަޢުގައި މިވަނީ ގުގުމާލާފައެވެ. ހަމަ ހަމަކަމުގެ ނަމުގައި ޤާނޫނުތަކުން ބާރުދީގެން އަންހެނުން ގެއިން ބޭރަށް ނެރެ، ތަފާތު ސިޔާސީ މަޤާމްތަކަށް ފުރުޞަތު ހުޅުވާލެވޭއިރު، ފިރިމީހާ އަދި އަނބިމީހާގެ ޒިންމާ ހަނދާންކޮށް ނުދެވެއެވެ. ހައްޤުތަކުގެ ވާހަކަ އަނގަ ފުޅާކޮށް ވާހަކަ ދައްކާއިރު، ޒިންމާގެ ވާހަކަ ނުދެއްކެއެވެ.
މިޒަމާނުގެ ހާލަތަކީ، މައިންބަފައިންގެ ކުދިން ސްކޫލް ކުދިންނަށް ވެއްޖެއެވެ. ސްކޫލަކީ ކުދިން ވިހައި، ކުދިންގެ ޒިންމާ ނަގާ ފަރާތް ކަމުގައި ވެސް ބައެއް ހާލަތްތަކުގައި ހީވާފަހަރުވެސް އާދެއެވެ. ކުރީ ޒަމާނުގައި ސްކޫލް އުމުރުގެ ކުއްޖަކު، މަގުމަތީގައި ގޯސްކަމެއް ކުރުމުން، މަގުމަތިން ދިމާވާކޮންމެ މީހަކު އެކަން ހުއްޓުވައި ނަސޭހަތް ތެރިވެއެވެ. އަދި މިވެނި މީހެއްގެ ދަރި މިވެނި ކަމެއްކޮށްފިޔޭ ކިޔައި ވާހަކަ ދައްކައި އުޅެތެވެ. ނަމަވެސް މިއަދުގެ ހާލަތަކީ، މަގުމަތީގައި ކުއްޖަކު ވިޔާނުދާ އަމަލެއް ހިންގާނަމަ، އެކަން ހުއްޓުވާނެ ފަރާތެއް ނުވުމުގެ އިތުރުން، ގިނަ ފަހަރަށް ވާހަކަ ދެކެވެނީ ސްކޫލް ކުއްޖަކު މިވެނި ކަމެއް ކޮށްފިއޭ މިބީދައިންނެވެ. މައިންބަފައިންގެ ދަރިން ސްކޫލް ކުދިންނަށް ވެފައިވުމުން ދޭހަވަނީ، މައިންބަފައިންނަށް ވުރެ ކުދިންގެ ކަންކަމުގެ ޒިންމާ ސްކޫލް ނަގަންޖެހޭކަމެވެ.
ގިނަ ކައިވެނިތައް ރޫޅުމުގެ މައިގަނޑު މައްސަލަޔަކީ، އަންހެންނަށްވެސް އަދި ފިރިހެނުންނަށްވެސް، އެމީހުންގެ ޒިންމާއަށްވުރެ ބޮޑަށް، ހައްޤުތަކަށް އިސްކަން ދެވުމެވެ. އަންހެން ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނަގާ އެއްލާލައި، ވަޒީފާތަކަށް ނުކުމެ، ދިރިއުޅުމުގެ ހުރިހާކަމެއް ވަޒީފާއަށް ހުސްކޮށްލުމެވެ. ފިރިހެނުންވެސް، އަނބިންނާއި ދަރިންނަށް ދޭންޖެހޭ ވަގުތު ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ހޭދަކޮށް، އުފާވެރި އާއިލާއެއް ބިނާކޮށް ދެމެހެއްޓުމުގެ ޒިންމާ ދޫކުރެވިގެން ދިޔުމުގެ ނަތީއްޖާއަކީ، ކައިވެނީގެ ގޮށް މޮހިގެން ދިޔުމެވެ.
އެހެންކަމުން، ކޮންމެ ދެމަފިރިއަކުވެސް، ހައްޤުތަކަށް އިސްކަންދޭފަދައިން، އެމީހެއްގެ ޒިންމާ ފުރިހަމަޔަށް އަދާކުރުމަށް އިސްކަންދޭށެވެ. ކައިވެނީގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް ދެމަފިރިން ކޮނޑުގައި އެޅިފައިވާ ޒިންމާ އަދި ވާޖިބުތައް ފުރިހަމަޔަށް އަދާކުރުން މުހިންމެވެ.

