މިދިޔަ ހަފުތާގައި ބަލި މީހުން އުފުލުމަށް ސީ އެމްބިއުލާންސްގައި 36 ދަތުރުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާގައި އެމްއެންޑީއެފްއިން ވަނީ ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 37 މެޑިކަލް އިވެކުއޭޝަން ހަދައިދީފައި ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުން ސީ އެމްބިއުލާންސްގައި 36 ދަތުރު އަދި އެމްއެންޑީއެފް އެއަރ ކޯރއިން، ވައިގެ މަގުން އެއް ދަތުރު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް އަންގަވާފައެވެ.
ރައީސްގެ އިރުޝާދާއެކު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިދިޔަ މާރިޗު މަހުގެ ފުރަތަމަ ދުވަހުއެވެ.
މި މަސައްކަތް ފެށީ ޑޭޝް އަށެއްގެ މަތިންދާބޯޓެއް ބޭނުން ކޮށްގެންނާއި ސީޕްލޭނެއް ބޭނުންކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެންނެވެ.
ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ޚިދުމަތް ފެށިގެން ކުރިއަށްދާއިރު، ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ސްރީލަންކާއާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށް ވެސް ދަތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މީގެއިތުރުން ސީޕްލޭނެއް ވެސް މި ޚިދުމަތް ދިނުމަށް ބޭނުންކުރާތީ އެއާޕޯޓް ނެތް ރަށްރަށުން ވެސް ބަލިމީހުން އުފުލޭ ގޮތް ވަނީ ވެފައެވެ.

