ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތަށް ގާނޫނުން ލާޒިމުކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް އަންގައި ނިޒާމު ތަންފީޒުކުރަން ފެށުމާއެކު ބިދޭސީންގެ ކޯޓާ ފީ ދެއްކި މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް، ވަޒީފާއާބެހޭ ގާނޫނާއި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި 1،765،704،400 ރުފިޔާ، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ހޯމް މިނިސްޓްރީން މިދިޔަ ޖޫންމަހުގެ ތެރޭގައި ވަނީ ބުނެފައެވެ.
މި ފީތަކާއި ޖޫރިމަނާތައް ވަކި މުއްދަތެއްގެ ތެރޭގައި ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރުމާއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެކަން ވެސް އެންގިއެވެ.
އެއާއެކު ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100,000 ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު ޖުލައި މަހުގައި ވަނީ އާންމުކޮށްފައެވެ.
މިގޮތުން ނިޒާމު ތަންފީޒުކުރަން ފެށުމާއެކު ބިދޭސީންގެ ކޯޓާ ފީ ދެއްކި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ލިބިފައިވަނީ 104 މިލިއަން ރުފިޔާއެވެ.
ނަމަވެސް މިދިޔަ އޮގަސްޓުމަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 232 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެކަނި ކޯޓާ ފީގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

