ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވެހިކަލްތައް ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީނުކޮށް ލައިސަންސް ނުލިބޭ ގޮތަށް، ޓެކްސީ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައިވާ
ޓެކްސީ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން މީގެފަހުން ކާރު ޓެކްސީ ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދުތަކަށް އެކަންޏެވެ.
މީގެއިތުރުން ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމުން ޓެކްސީ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު އުވުނީއެވެ.
އެ އިސްލާހުގައިވާ ގޮތުން ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކުރުމެއްނެތި ވެސް ޓެކްސީގެ ޚިދުމަތް ދެވޭނެެއެވެ.

