އަމާޒަކީ މި ވެރިކަމުގެ ދައުރުގެ ތެރޭގައި 500 އިމާމުންމާއި 1000 ހަތީބުން ތަމްރީންކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ އިމާމުންގެ މަހާސިންތާގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ރަށްރަށަށް ކުރެވުނު ދަތުރުތަކުގައި ފާހަގަކުރެވުނު އެއްކަމަކީ އެކި ސަބަބުތަކާ ހުރެ ރަށުގައި އިމާމަކު ނެތިގެން އެހެން ރަށްރަށުން އިމާމުން ގެންނަން ޖެހޭ ހާލަތްތައް އަންނަ ކަމަށެވެ.
ޒުވާން ހަތީބުންގެ ޕްރޮގްރާމް އުފަންކުރުވީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ސްކޫލު ދަރިވަރުންނާއި ޒުވާނުންގެ ތެރޭގައި މިކަމަށް ވަރަށް ގާބިލް ޝައުގުވެރިކަން ހުރި ކުދިން ތިބިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިމަހު 18 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދެވިފައިވާކަމަށެވެ. އަދި އެ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އިމާމުންނަށް އެ ފުރުސަތު ހޯދައިދިނުންކަމަށެވެ.
އިމާމުންނަށް އިތުރު ތަމްރީން ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އިތުރު ތަމްރީން ހޯއްދަވައިފައިވެއެވެ. އިތުރު 20 އިމާމުންނަށް ވަނީ ބުރޫނާއީ ދާރުއްސަލާމުން އިތުރު ތަމްރީނުގެ ފުރުސަތު ހޯދައިދެވިފައެވެ.
މިނިސްޓަރ ވިދާޅުވީ އިމާމުންނަށް ރަނގަޅު ތަމްރީނުދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެ ގޮތުން މިހައި ތަނަށް 402 އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައިވާކަމަށާއި މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހައި އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވައިލެއްވޭނެކަމަށެވެ.

