ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އިމާމުންނަށް ހައްގު މަގާމާއި ޝަރަފް ހޯދައިދެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މިއަދު ހެނދުނު ފެށި ރާއްޖޭގެ އިމާމުންގެ ތާރީޚީ ފުރަތަމަ މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގާތް އިމާމުންނާ ބައްދަލުވެވަޑައިގަތުމުން ވަރަށް އުފާވެވަޑައިގެންނެވި ކަމަށާއި މާޒީގެ ހަނދާންތައް އާވެގެންދިޔަ ކަމަށެވެ.
އެއަށްފަހު ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ޒައޤމަތުގައި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އިމާމުންނަށް މަތީ ތައުލީމާއި ހައްގު މަގާމާއި ޝަރަފް ހޯދައިދެވޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އިމާމުންގެ މަހާސިންތާގައި ގިނަ ކަންކަމާމެދު މަޝްވަރާކުރެވިގެންދާނެއެވެ. އަދި މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވެވަޑައިގަންނަވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އިމާމުންނަށް މަތީ ތައުލީމާއި ހައްގު މަގާމާއި ޝަރަފް ހޯދައިދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާވައިފައިވާ ކަންކަމަށް ބަލާއިރު، އެ ވުޒާރާއިން އަމާޒު ހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރީން 100 އިމާމުންނަށް ރާއްޖޭން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުމަށެވެ.
މި އަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު މިހާރު ވަނީ ހޯދައިދީފައެވެ.
އިމާމުންނަށް ރަނގަޅު ތަމްރީނުދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށްވާއިރު، މިހާތަނަށް 402 އިމާމުން ވަނީ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައެވެ. އަދި މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހައި އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވައިލެވޭނެ ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން މިހާތަނަށް 234 ޒުވާން ޚަޠީބުން ވަނީ ތަމްރީނުވެފައެވެ.

