ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލަޑްބޭންކެއް ގާއިމުކޮށްފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރި ބްލަޑްބޭންކް ހުޅުވައިދެއްވީ އެ ހޮސްޕިޓަލަށް 55 އަހަރު ފުރުމުގެ މުނާސަބާގައި ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީއާއި ހޮސްޕިޓަލުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. ޚަލީލް ވަނީ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރީޖަނަލް ހޮސްޕިޓަލުތަކުގައި ބްލަޑް ބޭންކް ގާއިމުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލަޑް ބޭންކް ގާއިމުކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ އަތޮޅުތެރޭގެ ފަސް ރަށެއްގައި ބްލަޑް ބޭންކް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

