އަމާޒަކީ މި ދައުރުގެ ފަސް އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ވެސް 100 އިމާމުން ތަމްރީން ކުރުން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ހެނދުނު ފެށި ރާއްޖޭގެ އިމާމުންގެ ތާރީޚީ ފުރަތަމަ މަހާސިންތާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ އަމާޒަކީ މި ދައުރުގެ ކޮންމެ އަހަރަކު ރާއްޖެއިން ބޭރުން 100 އިމާމުން ތަމްރީނު ކުރުން ކަމަށާއި ދައުރު ނިމިގެންދާއިރު، ޖުމްލަ 500 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދިނުން ކަމަށެވެ.
މީގެއިތުރުން މި ދައުރުގައި 1000 ޒުވާން ޚަތީބުން މައިދާނަށް ނެރުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރުން 60 އިމާމުންނަށް ތަމްރީނު ދީފައިވާ ކަމަށާއި ޒުވާން ޚަތީބުންގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދު ފެށިގެން ކުރިއަށްދާ އިމާމުންގެ މަހާސިންތާގައި ގިނަ ކަންކަމާމެދު މަޝްވަރާ ކުރެވިގެންދާއިރު، މި މަހާސިންތާގައި 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވެވަޑައިގަންނަވައެވެ.
ވަޒީރު ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އިމާމުންނަށް ހައްގު މަގާމާއި ޝަރަފް ހޯދައިދެވޭނެ ކަމަށް ވިދާޅުވެފައެވެ.

