ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ބެހޭ ޚަބަރަކާ ގުޅިގެން އަޒާން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގައި ބަޔަކު ބުނާހާ ގޮތެއް ނަހައްދަވާނެ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގައި ކަން ހިނގީ އެގޮތަށް ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.
"ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން. އެއީ އެމްޑީޕީ ވެރިކަމުގަ ކަން ހިނގި ގޮތް. ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ." އަޒާން ވިދާޅުވިއެވެ.
މި ސަރުކާރުން ހާރިޖީ ސިޔާސަތަށް ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަމަށް އަޒާން ފާހަގަކުރެއްވިއެވެ. އެކި ގައުމުތަކާއި އެއްވެސް ތަފާތު ކުރުމެއް ނެތި ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ގުޅުން ބަދަހި ކުރަމުންނެވެ.
ރާއްޖެއިން އެހެން ގައުމުތަކާއި ގުޅުން ބަދަހި ކުރި ނަމަވެސް ރާއްޖެއަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް މިއަދުގެ ސަރުކާރުން ދަނީ ބުނަމުންނެވެ. ރައީސް މުއިއްޒު އަބަދު ވެސް ވިދާޅުވަމުން އައީ އިސްކުރައްވާނީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމަށެވެ.
ރިޔާސީ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ދެމެހެއްޓުމުގައި ރަތް ރޮނގުން ފަވާލާނެ ކަމަށެވެ. މިއަދުގެ ސަރުކާރުން ދަނީ ގައުމަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ. އެ ގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި މިއަދުގެ ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

