ޚަބަރު:
މޯލްޑިވްސް ޕޮލިޓެކްނިކުން އެކި ދާއިރާތަކުގެ ހުނަރުވެރި 431 ދަރިވަރަކު މިއަދު ތަމްރީން ވެއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުން ގައުމަށް ބޭނުންވާ އެކި ދާއިރާތަކުގެ ހުނަރުވެރި 431 ދަރިވަރަކު މިއަދު ތަމްރީން ވެއްޖެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވުނު ޕޮލިޓެކްނިކްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މި ދަރިވަރުން ދަސްވެނިވިއެވެ.
ދަސްވެނިވި 431 ދަރިވަރުންގެ ތެރެއިން 324 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ. އަދި އަންހެން ދަރިވަރުންގެ އަދަދަކީ 107 އެވެ. މި ދަރިވަރުން ވަނީ ގްރެފިކް ޑިޒައިން، އިލެކްޓްރިޝަން، އިންޖީން ރިޕެއާ، އޮފިސް މެނޭޖްމަންޓް، ވުޑް ޓާނިންގް، ފެޝަން ޑިޒައިން، އާޓިޓެކްޗާ ފަދަ އެތައް ދާއިރާއެއްގެ ކޯސްތަކަކުން ދަސްވެނިވެފައެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ކޮންސްޓަރަކްޝަން މިނިސްޓަރު އަބްދުަބްދުﷲ މުއްތޮލިބު ވަނީ ޓެކްނިކަލް ދާއިރާތަކުން ގައުމަށް ހިދުމަތް ކުރާނެ ޒުވާނުން ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާތަކުން ޒުވާނުން ތަމްރީންކުރުމުގެ މުހިންމުކަންވެސް މުއްތޮލިބު ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، އެކި ދާއިރާތަކުން ތަމްރީނުވެފައިވާ 22 ދަރިވަރުން ވަނީ ހާއްސަ އެވޯޑް ހާސިލު ކޮށްފައެވެ. އަދި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ އިސްވެރިން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ 1975 ވަނަ އަހަރު ވީޓީސީގެ ނަމުގައި އުފެދުނު މަރުކަޒެކެވެ. 12 އެޕްރީލް 2010 ވަނަ އަހަރު ރައީސްގެ ގަރާރެއްގެ ދަށުން “މޯލްޑިވްސް ޕޮލިޓެކްނިކް” ނަމަށް ބަދަލު ކުރެވި، މިހާރު ވަނީ ވޮކޭޝަނަލް ޓްރެއިންނިންގް ކޯސްތައް ހިންގުމަށް މަތިކުރެވިފައެވެ.

