ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހުގައި ކަމަށެވެ.
އެ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވައިރު، ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ، ވެހެތާނުގެ، އަބްދު ﷲ ސޯދިގު (65އ) އެވެ.
އޭނާ ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 349 ގްރާމް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުގެ މުއްދަތުކޮމެޓީން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

