ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިޞާދު ސިންދަފާތުކުރުމަށް މާލީ އެހީ ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިރޭ ނިއުޔޯކުގައި ބޭއްވުނު “ސަމިޓް އޮފް ދަ ފިއުޗަރ” ގެ ތެރެއިން ކުރިއަށްގެންދެވުނު ސިޑްސްގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ރައީސް މި ވާހަކަ ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުދި ގައުމުތައް ދެމިއޮންނާނީ އިގްތިޞާދު ސިންދަފާތު ކުރެވިގެންކަމަށާއި، އެކަމަކު އެކަން ކުރެވޭނީ މާލީ އެހީތެރިކަން ލިބިގެން ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށް ވެސް ރައީސް ޑރ މުއިއްޒު ގޮވާލެއްވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވި ގޮތުގައި، ސިޑްސް ގައުމުތަކުގެ އިޤްތިޞާދުތައް ބަރޯސާވެފައިވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށެވެ. އެހެންކަމުން، އިޤްތިޞާދު ސިންދަފާތުކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫން ކަމަށާއި، އެއީ ސިޑްސް ގައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. މި މަގުސަދު ހާސިލު ކުރެވޭނީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރު ކޮށްގެން ކަމަށް ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުދި ޖަޒީރާ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ މާލީ ބުރަތައް ލުއި ކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް މިރޭ ތަޤުރީރު ކުރެއްވި ބައްދަލުވުމަކީ ސިޑްސް ގައުމުތަކުގެ މާލީ ހާލަތާއި، އެކަމުގައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އދގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުޢިއްޒު ތަގުރީރުކުރައްވާނީ އަންގާރަ ދުވަހުގައެވެ.

