އދ. ގައި ރާއްޖެއިން ކުރަމުން މިދާ ދަތުރަކީ ދިވެހިން ފަޚުރުވެރިވާފަދަ ކާމިޔާބު ދަތުރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އދ. ގެ މެންބަރު ގައުމަކަށްވީތާ 59 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި މެސެޖެއްގައެވެ.
ެރައީސް ވިދާޅުވީ މިއަދަކީ ރާއްޖެ ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ ބިޔަ ގައުމުތަކާ އެއް ސަފެއްގައި އެއް ހަމައެއްގައި ކޮނޑާ ކޮނޑު ހަމަކޮށް ކުރިއަށްދިއުމަށް މަގުފަހިވީ ދުވަސް ކަމަށެވެ. އަދި މިއަދަކީ ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދައަށްޓަކައި އެ ދިދައިން ރަމްޒުކޮށްދޭ ކަންތައްތަކަށްޓަކައި ނުހަނު ފަޚުރުވެރިވާ ދިދަ އދ. ގެ މައި މަރުކަޒުގައި ވިހުރިލުމަށް ފުރުސަތު ލިބިގެންދިޔަ ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވީ އދ. ގައި ރާއްޖެއިންކުރަމުން މިދާ ދަތުރަކީ ދިވެހިން ފަޚުރުވެރިވާފަދަ ކާމިޔާބު ދަތުރެއް ކަމަށާއި މިއީ އެކަހެރިކޮށް އޮތް ކުޑަކުޑަ ޖަޒީރާ ގައުމެއް ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި އެކުވެރިކަމުގައި ކުރާ ދަތުރެއް ކަމަށެވެ.
މި ދަތުރަކީ ނިކަމެތިކަމުން ފުދުންތެރިކަމަށް ބިންގާ އެޅި ދަތުރެއް ކަމަށާއި މޫސުމީ ބަދަލުގެ ނުރައްކާ މުޅި ދުނިޔެއަށް ދީ، މުޅި ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނެސްދިން ދަތުރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ފާއިތުވެދިޔަ 59 އަހަރު ދިވެހި ދައުލަތުގެ މަންދޫބުން އދ. ގައި ރާއްޖޭގެ މަސްލަހަތު ކުރިއަރުވާފައިވާކަން ފާހަގަކުރައްވައިފައެވެ.
ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފައިވާ ކަމަށާއި ރާއްޖެ މިހާރު ދަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެންބަރުކަމުގެ 3 ވަނަ ދައުރު ފުރިހަމަ ކުރަމުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ވޭތުވެދިޔަ 10 ވަރަކަށް މަސް ދުވަހު ގައުމީ މަސްލަހަތު އިތުރު ބާރުމިނެއްގައި ކުރިއަރުވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

