އޮފީސް، ކުންފުނި އަދި ރިސޯޓުތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ އިންޓަރ އޮފީސް، ކުންފުނި އަދި ރިސޯޓް ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރި އިއުލާނެއްގައި ބުނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 04 އިން ނޮވެމްބަރު 10 އަށް ކަމަށެވެ.
މުބާރަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ފިރިހެން ޑިވިޝަން ޓީމް އިވެންޓް އަދި އަންހެން ޑިވިޝަން ޓީމް އިވެންޓެވެ.
މި މުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވަން ބޭނުންވާ އެންމެހައި އޮފީސް، ކުންފުނި އަދި ރިސޯޓް ތަކުން އެންމެހާ ކަންކަމުގައި މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި އެ ފަރާތެއްގެ ނަން، މަގާމު އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް 10 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ އެދިިފައެވެ.
22 އޮކްޓޯބަރު ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު އެ އެސޯސިއޭޝަން އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިކަމާގުޅޭ އިތުރު މައުލުމާތު ބޭނުންވާނަމަ 7778722 7779140 ނަންބަރާއި ގުޅުމަށް ނުވަތަ ttmaldives@gmail.com އަށް އީމެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.

