ތިނަދޫ ސިޓީގައި ކުރިއަށްގެންދާ ހައުސިން ޔުނިޓު މަޝްރޫއުގެ %47 ނިމިއްޖެއެވެ.
200 ހައުސިންގ ޔުނިޓު ހެދުމުގެ މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ހަވާލުކޮށްފައިވަނީ 540 މިލިއަން ރުފިޔާގެ އަގަކަށެވެ.
ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގައެވެ.
ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ހުންނާނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުންނާނެއެވެ.
މި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ގާއިމުކުރާނެއެވެ.

