މޫދުގެ މިނިވަންވަންކަން ގެއްލިފަ ތިބި އެތައް ކުދިންނަށް އޭނާ ހޯދައިދެނީ އެ މިނިވަންކަންމެވެ. މިއީ މިއަދު ނައުފަލް މޫސާގެ ހޮބީއެވެ. އޭނާ ބޭނުންވަނީ އޭނާ އަށް ދަސްވެފައިވާ ހުނަރު އެހެންމީހުންނަށްވެސް ފޯރު ކޮށްދިނުމެވެ. ކުޑައިރު މޫދަށް ފޭބި ގޮތަށް އަދިވެސް މޫދުން އޭނާ އަށް އެއްގަމަށް އެރޭ ގޮތެއް ނުވިއެވެ.
1997އެއްގައި މާލެ ބަދަލުވި ގޮތަށް ނައުފަލް ދިރިއުޅެނީ މާލޭގައެވެ. އަދިވެސް އޭނާ ބޭނުންވަނީ އޭނާގެ އުއްމިދުތަކުގައި ކުލަ ޖެއްސޭނެ ގޮތެކެވެ. މީހަކާ އިނދެގެން ނައުފަލްގެ ތިން ކުދިންވެސް އެބަތިއބެވެ. އާއިލާއަށް ވަގުތު ހުސްކުރުމަށްފަހު އަމިއްލަ ދަރިންނެކޭ އެއް ގޮތަށް އެހެންމީހުންގެ ކުދިންވެސް އޭނާ ގެންގުޅެނީ އެހާމެ ލޯބިންނެވެ.
އޭނާ ބޭނުންވަނީ މޫދުގައި ކުދިންނަށް ގެއްލިފައިވާ މިނިވަންކަން ތިމާގެ އަމިއްލަ ކުދިންފަދައިން އެހެން މީހުންގެ ކުދިންނަށްވެސް ހޯދައި ދިނުމަށެވެ.

ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެމްބަސެޑަރ ނައުފަލް: ކުދިންނަށް ފަތަން ދަސްކޮށްދުމުގަ
މޫދު ކަރަސްތާއި ފަތަން ދަސްކުރެވުމުގެ ތެރެއަށް އޭނާ އަށް ވަދެވުނު ގޮތް ކިޔައިދެމުން ނައުފަލް ބުނީ އޭނާ ކުޑައިރު މާލެ ބަދަލުވީ ކިޔެވުމަށް ކަމަށާއި، އަހުމަދިއްޔާއަށް ބަދަލުވެ ކުޅިވަރު އެކި މުބާރާތްތަކުގައި ބައިވެރިވެ ފެތުމުގެ ގައުމީ މުބާރާތުގައި ހިމެނުނު ކަމަށެވެ. އޭގެ ފަހުން ސައުދީ އަރަބިއްޔާއަށްވެސް ގައުމީ މުބާރާތާއި އެކު ދެވުނު ކަމަށެވެ. އޭގެ ފަހުން ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ތެރެއިން މިއަދާ ހަމަޔަށް އާދެވުނީ ކަމަށެވެ.
ނައުފަލް ފަތަންދަސްކޮށްދޭތާ މި ވަނީ 24 އަހަރު ވެފައެވެ. ކުރު މުއްދަތެއްގެ ތެރޭ ކުދިން ތަމްރީން ކުރުމުގެ ހާއްސަ ހުނަރެއް ލިބިފައިވާ ކޯޗެއްގެ ގޮތުގައި ނައުފަލް ވަނީ ފާހަގަކުރެވިފައެވެ. އަދިވެސް އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. އުއްމީދާއެކު ކުރިއަށްދަނީ ކޮންމެ މީހަކީ ފަތަން އެނގޭ މީހަކަށް ހެދުމަށެވެ.
" އޭރު 16 އަހަރުންދަށުގެ އެންމެ މޮޅު ފެތުންތެރިއާ އަޅުގަނޑަކީ. ސައުދު އަރަބިއްޔާއަށް ދެވުނު ޤައުމީ ފެންވަރުގެ މުބާރާތެއްގަ ވަރަށް އުފާވި" ނައުފަލް
ފުރަތަމަ މަސައްކަތް ކުރީ މާލެ ސުކޫލްތަކުގެ ފަތަން ނޭނގޭ ކުދިންނަށް ފަތަން ދަސްކޮށްދޭން ކަމަށާއި، މިހާރު ދަނީ ރާއްޖޭގެ ރަށްތަކުގެ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ކުލާސްތައް ނަގައިދެމުން ކަމަށެވެ.
" އަޅުގަނޑު ވިސްނާ ފިކުރު ކުރިން ރާއްޖޭގެ ފަތަން ނޭނގޭ ކުދިން ގިނަވުމުން މިކަން ކުރާނީ ކިހިނެތްތޯއޭ. އެންމެ ރަނގަޅު ޙިޔާލަކަށް އައީ މިފަދަ ޕްރޮގުރާމްތަކެއް ހިންގައިން ކަމުގަ މި ކަމުގަ ކުދިންނަށް ފަތަން ދަސް ކޮށްދެވޭނީ. އަޅުގަނޑު ބޭނުން ވަނީ ރާއްޖޭގެ އެތަކެއް ކުޑކުދިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދަދިނުން" ނައުފަލް
ނައުފަލް ބުނީ ޕްރޮގުރާމްތައް މިހާރު ގިނަ އަތޮޅުތަކަކެއްގައި ހިންގާލެވިފައިވާ ކަމަށާއި، އދ އާއި އއ. އާއި ގއ. ގެ ބައެއް ރަށްތަކާއި ގދ. ގެ ބައެއް ރަށްތަކުގެ އިތުރުން ލ. އާއި ޅ. އާއި ރ. ގައިވެސް ވަނީ ޕްރޮގުރާމް ހިންގިފަ ކަމަށެވެ. މިއަދު ނައުފަލް އަކީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެމްބަސެޑަރެއްވެސް މެއެވެ. އަދި 2018 ވަނަ އަހަރު އޭނާ ވަނީ ކުޅިވަރު ކުރިއެރުވުމާއި މީހުން ތަމްރީން ކުރުމުގެ އާންމު ޙިދުމަތުގެ އިނާމު ލިބިފައެވެ.
ނައުފަލް ބޭނުން ވަނީ އަދިވެސް ކުދިންނަށް ފަތަން ދަސް ކޮށްދިނުމަށެވެ. ވަކި އުމުރަކަށް ދަސްކޮށްދިނުމުގެ ބަދަލުގަ އެކި އުމުރުތަކުގެ މީހުންނަށް ދަސްކޮށްދިނުމަކީ އޭނާ ބޭނުންވާ ގޮތެވެ. ކުޑަކުދިންނަށާއި ބޮޑެތި މީހުންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު އޭނަ އަށް ވަނީ ފަތަން ދަސްކޮށްދީފައެވެ.

ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެމްބަސެޑަރ ނައުފަލް: ކުދިންނަށް ފަތަން ދަސްކޮށްދުމުގަ
ނައުފަލް ކިޔާދިން ގޮތުގައި އޭނާ އަށް މިހާރު ވެސް ފަސްހާހާއި ގާތްކުރާ އަދަދަށް ކުދިންނަށް ފަތަން ދަސްކުރެވިފައިވާނެއެވެ. ސީދާ އަދަދު ހަނދާން ނެތް ނަމަވެސް މިއަށްވުރެ ގިނަ ވުމަކީ ވެސް އެކަށީގެންވާ ކަމަށެވެ. އެއީ ޅ. އަތޮޅުން 2000 ފަރާތަކަށެވެ. އއ. އަތޮޅު ތޮއްޑޫ ފިޔަވާ ހުރިހާ ރަށެއްގައެވެ. ލ. އަތޮޅެއްގެވެސް 5 ސުކޫލަކަށެވެ. މާލޭގެ ގިނަ ސުކޫލްތައް ވެސް ހިމަނައިގެންނެވެ.

ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެމްބަސެޑަރ ނައުފަލް: ކުދިންނަށް ފަތަން ދަސްކޮށްދުމުގަ
ނައުފަލް ބުނީ އެންމެ އުފާވަނީ އޭނާގެ ކުލާސްތަކުގައި ބައިވެރިވާ ކުދިންނާއި، އެކުދިންގެ ބެލެނެވެރިން ޕްރޮގުރާމް ނިންމާލުމަށްފަހުވެސް އަދި ޕްރޮގުރާމްތެރެއިންވެސް ދެއްވާ އެހީތެރިކަމާ އެއްބާރުލުން ކަމަށެވެ. އަދި ބަހައްޓާ ގާތް ކަމާއި ދެއްވާ އުފާވެރި މެސެޖްތައް އެއީ ދުވަހަކުވެސް ހަނދާން ނުފޮހެވޭނެ ވަރުގެ ކަންތައް ކަމަށެވެ.
ޙާއްސަ ގޮތެއްގައި ލ. އަތޮޅުން ދިން މެހުމާން ދާރީއަކީ ދުވަހަކުވެސް ހިތުން ފޮހެލަން އުނދަގޫ ކަންތައްތަކެއްކަމަށް ވެސް ނައުފަލް ބުންޏެވެ. އަދި މި ގޮތަށް ދިޔަ ހުރިހާ ރަށަކީވެސް ހަނދާނުން ފޮހެނުލެވޭނެ ވަރުގެ ރަށްތައް ކަމަށް ވެސް ނައުފަލް ބުންޏެވެ.
" ހުރިހާ ރަށެއްގަވެސް ވަރަށް ރަނގަޅު. ބެލެނެވެރިންތިބެނީ ވަރަށް ހިތްހަމަޖެހިފަ. ވަރަށް އުފާވެފަ ކުދިންނަށް ފަތަން ދަސްވީމަ"
ނައުފަލް ބުނީ 90 އިންސައްތަ ކަނޑު އޮތް މި ރާއްޖޭގެ ކޮންމެ ކުއްޖަކަށްވެސް ބޭނުންވަނީ ކަނޑުގެ މިނިވަން ކަަމަށާއި، މޫދުގައި ފަތާލުމުގެ ހިތްހަމަ ޖެހުން ލިބެންޖެހޭ ކަމަށެވެ. އެންމެ ފަހުވަގުތާ ހަމަޔަށްވެސް އެނާ އެކަން ކުރުމުގެ ދެމި ހުންނާނެ ކަމަށެވެ.

