ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ޑޮކްޓަރު ފާޠިމަތު މުނާ އައްޔަންކޮށްފިއެވެ.
ޑރ. މުނާ މި މަގާމަށް އައްޔަންކުރީ މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި މުނާ ވިދާޅުވީ ތަޖުރިބާ ލިބިލައްވައިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް ވަޒީރު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ހާސިލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަދި ލިބިލައްވައިފައިވާ ތަޖުރިބާގެ އަލީގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމުގައި ވިދާޅުވިއެވެ.

