އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އޮއްސެން ދަނީ އެވެ. ދާނިސް ހުރީ ރަށުގެ ތުނޑީގައެވެ. އެތުނޑީގެ ހިމުން ދޮންވެލި ގަނޑުގެ މަތީ އިށީދެ ލައިގެން ނެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ގޮނޑު ދޮށަށް ބީއްސަމުން ދިޔަ ރާޅުތަކަށް ނަޒަލު ހުއްޓާލައިގެން ނެވެ. އެރާޅުތައް ގޮނޑުދޮށުގައި ބީހިލާ ހިތްގައިމު އަޑަށް ހިތް ދޫކޮށްލައިގެން ހުރިހެންވެސް ހީވެއެވެ. ރަތް ވިލާ ތަކުން އުދަރެސް މަތި ޒީނަތްތެރި ކުރަމުން ދާއިރު މޫދަށް އޭގެ ކުލަތައް އެޅެމުން ދިޔައެވެ. ގޮނޑުދޮށުގެ ތެތް ވެލިގަނޑުގައި ދާނިޝް އޭނާގެ ހިތުގައިވާ ނަން ލޯތްބާއެކު ލިޔެލިއެވެ. ޚިޔާލީ ދުނިޔެއިން ދާނިސް ހޭލައްވާލީ މަޣުރިބު ނަމާދުގެ ބަންގީގެ އަޑެވެ.
އެހެންކަމުން އޭނާ އެއްގަމާއި ދިމާށް ހިގައިގަތެވެ. މަޑު ހިނގުމެއްގައެވެ. ގަސްތަކުގެ ތެރެއިން ހަނިކޮށް ހެދިފައި ހުރި މަގަކުންނެވެ. ދެފަރާތުގައި ބޯގަސްތައް ހެދިފައިވުމުގެ ސަބަބުން އުޑުމަތި ފެންނަވަރެއް ނުވެއެވެ. އެހެންކަމުން އޭރުވެސް ފުދޭ ވަރަކަށް އަދިރިކަން ވެރިވެފައި ވެއެވެ. އެހިތްގައިމު ހަމަހިމޭން މާހައުލުން މާގިނަ އަޑުތަކެއް ނީވެއެވެ. ދާނިސް ހިނގަމުން ދާއިރު އަޅާ ފިޔަވަޅާއެކު، ހިކި ފަތްތަކާއި ކުދި ހޯލިތައް މުގުރެގެން ދާއިރު އެ އިވޭ އަޑެއް ފިޔަވައެވެ. ކުއްލިއަކަށް ދާނިސް އަށް ހުއްޓެވުނެވެ. ކުޑަކޮށް ސިހިފައެވެ. އޭނާގެ ކުރިއްމައްޗަށް ބެރެބެދި މަލެއް ވެއްޓުނީމައެވެ. ވެއްޓިފައި އޮތް މަލަށް ނަޒަރު ހިންގާލުމަށްފަހު، ދާނިސް މައްޗަށް ބަލާލިއެވެ. ހީވި ހީވުން ރަގަނޅެވެ. ބެރެބެދި ގަހެއް އެބަހުއްޓެވެ.
ރީތި މަލެކެވެ. ރަތްކުލައިގެ އެ މަލުގައި “ޔުނިކް” ގޮތެއް ހުއްޓެވެ. މަލުގެ ރީތިކަމުން ދާނިސް އެ ނެގިއެވެ. އަދި ވަރަށް ޝައުގު ވެރި ކަމާއި އެކު މަލަށް ބަލާލިއެވެ. އަދި ހިނިތުން ވެލަމުން ދާނިސް މާ ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ދާނިސް އެމާ ގެއަށް ގެންދަން ބޭނުންވީމައެވެ. ރީތިކަމުންނެވެ.
ގެއަށް ދެވުމާއެކު، ދާނިސް ވަނީ ފެންވަރާށެވެ. އޭރު އިޝާ ވަގުތު އަދި ނުވެއެވެ. ބެރެބެދިމާ އޭނާގެ ކޮޓަރީގެ ޑްރެސިންގ ޓޭބަލް މަތީގައި ހުރި ވާސްއަކަށް ޖަހާލުމަށް ފަހުއެވެ. ހެޑް ސަވަރ ދޫކޮށްލުމާއެކު ފެން އޮހިގަތެވެ. ލޯމަރާލައިގެން ހުރުމަށްފަހު ދާނިސް ލޯހުޅުވާލީ މީހެއްގެ ހޫނު ނޭވާގެ އިހުސާސް ވުމުންނެވެ. ވަގުތު ރަތްކުލައިން ފޭދިފައި ފެންތައް ހުރިހެން ދާނިސް އަށް ހީވިއެވެ. އެހެންކަމުން އޭނާގެ ހިތަށް ކޮންމެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވެގެން ދިޔައެވެ. ހިތުގެ ހިނގުން އަވަސް ވިއެވެ.
ރަގަނޅަށް ދެލޮލުގައި އަތް އުނގުޅާލަމުން އިތުރަށް ބަލާލިއެވެ. އެހެނަސް އިތުރަށް އޭގެ ކަމެއް ނުފެނުނެވެ. އެހެންކަމުން ދާނިސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. އެއީ ހީއެއްކަމަށް ގަބޫލު ކޮށްލަމުންނެވެ.
ފެންވަރައިގެން ނުކުމެ ޑްރެސިންގ ޓޭބަލް ކައިރީގައި ހުރި ގޮޑީގައި ދާނިސް އިށީދެލިއެވެ. ބޮލުގައި ޖެލް އުގުޅާލަން ހުއްޓާ ޑްރެސިންގ ޓޭބަލް ގައި ހަރުކޮށްފައި ހުރި ލޯގަނޑުން ރަތް ކުލައިގެ ހެދުމެއް ލައިގެން ހުރި މީހެއް ހުރަސް ކޮށްލި ކަހަލަ ގޮތަކަށް ފެނުނެވެ. ދާނިސް އަށް ސިހިފައި ފަހަތް ބަލާލެވުނެވެ. އެހެނަސް އެއްވެސް މީހެއް ފެންނަން ނެތުމުން އެއީ ވަހުމެއް ކަމުގައި ނިންމާ ހިތްހަމަ ޖައްސާލިއެވެ. އަދި ބޮލުގައި ފުނާއަޅަންފެށިއެވެ.
އިޝާ ނަމާދު ކޮށްލައިގެން ގެއަށް އައި އިރު މަންމަ ކާންހަދައިގެން ދާނިޝްގެ އިންތިޒާރުގައި އިނެވެ. އޭރު އަދި ބައްޕަ މަހުން ނުލަފައެވެ. އެކުޑަ އާއިލާގައި ތިބެނީ މަންމައާއި ބައްޕަ ގެ އިތުރުން ދާނިސް އެވެ. އުފާވެރި އާއިލާއެކެވެ. ދާނިސް އަކީ ކިޔަމަންތެރި ކުއްޖެކެވެ. އޯލެވެލް ހަދާ ނިންމާލުމަށްފަހު ވަޒީފާއެއްގެ އިންތަޒާރުގައި ދުވަސްތައް ގުނަމުންދާ ފުރާވަރުގެ ޒުވާނެކެވެ.
ކައި ނިމެގެން ކުޑަ ހިދުކޮޅަކު މަންމައާއެކު ޚަބަރު ބެލަން ދާނިސް މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ ވަނީ ކޮޓަރިއަށެވެ. ކަޓަރިއަށްވަދެ ފޯނު ހުޅުވާލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އެފްބީއަށް ވަދެލިއެވެ. މެސެންޖާއިން އޭނަގެ ގާލްފްރެންޑަށް މެސެޖް ކޮށްލިއެވެ. ހީވީ ދާނިސްގެ މެސެޖްގެ އިންތިޒާރުގައި ހުރި ހެންނެވެ. ރިޕްލައި އެހާއަވަހަށް އައެވެ. ދެމީހުން ޗެޓް ކުރުމުން ދިއުމުން ވަގުތު ހޭދަވީގޮތް ވެސް ނޭންގެއެވެ. ރޭގަނޑު އެގާރަޖަހަން ގާތްވުމުން އެކަން ހަދާން ކޮށްދިނީ ދާނިސް ގެ ގާލް ފްރެންޑް ޝިއުރާއެވެ. ދާނިސްއަށް ގަޑި ބަލާލެވުނެވެ. ދޮގެއް ވެސް ނޫނެވެ. މާލަސް ވެސް ވެއްޖެއޭ އޭނަގެ ހިތައް އެރިއެވެ. ޝިއުރާ އަކީ އަދި ކިޔަވާ ކުއްޖެކެވެ. އޭނާ އުޅެނީ ގްރޭޑް 10 ގައެވެ. އޯލެވެސް އަހަރެވެ. އެހެންކަމުން ދާނިސް އެވަރަށް މެސެޖް ނުކުރަންވެސް މަސައްކަތް ކުރެއެވެ. އެކަކަމު ޝިއުރާ އަށް އެގޮތެއް ކަމަކު ނުދެއެވެ. އެހެންކަމުން އެންމެފަހުން ދާނިސްވެސް ގޮތް ދޫކުރުމަށް މަޖުބޫރުވީއެވެ.
ރޭގަނޑުގެ ވަދާއި މެސެޖަށްފަހު ދާނިސް މެސެންޖާއިން ނުކުތެވެ. ވައިފައި އޮފް ކޮށްލިއެވެ. ބާލީސް ކައިރީ ފޯނު ބާއްވަމުން ބިއްދޮށް ފަރާތަށް އެބުރެލިއެވެ. ކާރީގައި އޮތް ކަނޭލުގައި ރަގަނޅަށް ބައްދާލަމުން ލޯމަރާލިއެވެ. ޚިޔާލުތަކުގައި އޮވެ ނިދުނު އިރެއް ވެސް އޭނާއަކަށް ނޭނގެއެވެ.
ރަތްކުލައިގެ ހެދުމެއްގައި ހުރި އަންހެން ކުއްޖެއް ދާނިސް އަށް ގޮވަނީއެވެ. އެކުއްޖާގެ ހުރީ ދިއްލިފައެވެ. އިރު އިރު ކޮޅުން ލޮލުން ފާޅެއްގެ އައްޔެއް ދޫކޮށްލައެވެ. އެކުއްޖާއެ އަޑު ބަރެވެ. ގަހެއްގެ ގޮފިގަނޑެއްގައި ހުރި އެ ކުއްޖާ އަތް ދިގުވެގެން އައިސް ދާނިސްގެ ކަރުގައި ހިފިއެވެ. ދާނިސް ދެތަތުން މަސައްކަތް ކުރަމުން ދިޔައީ އެކުއްޖާގެ އަތުން ސަލާމް ވުމަށެވެ. ކުއްލިއަކަށް ދާނިސް އަށް ހޭލެވުނެވެ. ދާނިސް ހުރީ ދާހިތްލާ ފޯވެފައެވެ. ހިތުގެ ހިނގުން އަވަސް ވެފައެވެ. ހުވަފެނެއްކަން އެނގުނު ނަމަވެސް ބިރުގަނެފައެވެ.
ދާނިސް އަވަސް އަވަހަށް ކޮޓަރީގެ ބޮކިތައް ދިއްލާލައި ކޮޓަރީގެ އަލި ގަދަ ކޮށްލިއެވެ. ޖެހިގެން އައި ސިކުންތުގައި އޭނައަށް ސިހުން ގެނުވީ ޑްރެސިންގ ޓޭބަލްގައި ބެހެއްޓި ބެރެބެދިމާ އޭނާގެ ބާލީސްކައިރީ ގައި އޮތުމުންނެވެ.
ދާނިސް އިތުރަށް ބިރުގަތެވެ. އެނދުން ތެދުވަން މަސައްކަތް ކުރަނިކޮށް ބެރެބެދި މަލުން ވަރުގަދަ އައްޔެއް ނުކުމެގެން ގޮސް ކޮޓަރީގެ އިރު ދެކުނު ކަނާއި ދިމާއިން މައްޗަށް އެރިއެވެ. މުޅި ކޮޓަރި ނޫކުލައިގެ ގަދަ އައްޔަކުން އަލިވެގެން ދިޔުމާއެކު ކޮޓަރިން ކަރަންޓް ކެނޑިގެން ދިޔައެވެ. ދާނިސް އަށް އިރު އިރުކޮޅާ ސީލިންގ އާއި ދިމާއަށް ބަލާލެވެއެވެ. ސީލިންގ އިން މީހެއް ފެންނަހެން ހީވާކަހަލައެވެ. ދާނިސް ބިރުން ކަންފަތް މަތީގައި އަތް އެޅިއެވެ. ބާރު ހަޅޭކުގެ އަޑާއެކު ދާނިސްގެ ޚަބަރު ހުސްވިއެވެ.
ދާނިސް ހޭވެރިކަންވީ، މީހަކު އޭނާގެ ގަޔަށް ފެން ބުރުވަނިކޮށެވެ. ކުޑަކޮށް ލޯހުޅުވަ ބަލައިލި އިރު ތާކިހަލެއް ފާޑު އެއްޗެއް އަޅައިގެން ހުރި މެދުއުމުރަށްދާ މީހެއް ފެންތައްޓެއް ހިފައިގެން ހުރެ އެއްޗެއް ކިޔަވަމުން ދާނިސްގެ ގަޔަށް ފެން ވިއްސަމުން ދިޔައެވެ. ރަގަނޅަށް ހޭވެރިކަން ވީކަން އެމީހާއަށް އެނގުނީވެސް ތޯއްޗެކެވެ. ފެންތަށި ދިއްކޮށްލަމުން އެ ބޯލުމަށް ދާނިސް ކައިރީގައި ބުންޏެވެ.
އޭރު ދާނިސްގެ މަންމައާއި ބައްޕަވެސް ކައިރީގައި ތިއްބެވެ. އެދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ދެމީހުންވެސް ތިބީ ހާސްވެފައިކަން އެނގެއެވެ. ދާނިސް ފެންތަށި ބޯލިއެވެ. މަންމަގެ އިޝާރަތުން ބޯލަށް އެނދުނީމައެވެ. ދާނިސް ފެންތަށި ބޮއި ނިންމާލުމުން މެދުއުމުރުގެ އެމީހާ ވާހަކަ ދެއްކިއެވެ.
ދާނިސް އަށް އެހެން ދިމާވީ، ބެރެބެދި މަލުގެ ސަބަބުން ކަމުގައި ބުންޏެވެ. އެމަލުގައި ޖިންނި ހުއްޓައި އެހިފައިގެން ދާނިސްއަށް ގެއަށް އާދެވުނީއެވެ. އެހެންކަމުން އެޖިންނި ދާނިސްއާއި އަޅައިގަތީއެވެ. ފަޑިއްތަ ހަދަން ގެނައި މީހާ، ކުޑަ ތަވީދެއް ދިނެވެ. އަދި އަބަދުވެސް އެއަޅައިގެން އުޅުމަށް ދާނިސް ކިބައިން އެދުނެވެ. ތަވީދު ނަގައިފިނަމަ ދާނިސްއަށް އެޖިންނީގެ އުނދަގޫ އަދިވެސް ކުރިމަތިވާނެ ކަމުގައި އެމީހާ ބުންޏެވެ.
-ނިމުނީ-

