ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ މިހާތަނަށް ނުދައްކާ 7،501 ފަރާތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށާއި އެގޮތަށް ނިންމީ ފީތައް ނުދައްކާތީ ކަމަށެވެ.
ނަމަވެސް ޕޭމަންޓްތައް ކްލިއާ ކުރުމުން އެ ފަރާތްތަކަށް އަލުން އެ ސިސްޓަމް ބޭނުން ކުރެވޭނެކަން މަޖީދު ވިދާޅުވިއެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ، އެ ފަރާތްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދިނެވެ.
އެ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް ހޯމް މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފައެވެ.
މަޖީދު ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދައްކަން މިހާތަނަށް 3،692 ފަރާތަކުން އެދިފައެވެ.
އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތުން 23.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަަމަށާއި އެ އަދަދަށް ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފާއިވާ ކަމަށް ވެސް މަޖީދު ވިދާޅުވިއެވެ.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50,000 އަށްވުރެ މައްޗަށް އަރައެވެ. އޭގެތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ގަވާއިދުން ފީ ނުދައްކާ ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

