ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ސިލްސިލާ ތަފްސީރު ކުލާސްތަކެއް ފަށަން ތައްޔާރު ވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުލާސް ނަންގަވައިދެއްވާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ކަމަށެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްލާމީ މަރުކަރުގައި ކުރިއަށްގެންދާ ތަފްސީރު ކުލާހުގައި ނިޡާމީ ގޮތެއްގައި ކީރިތި ޤުރްއާނުގައި ވާ އެކިއެކި ސޫރަތްތަކުގެ ތަފްސީރު ކިޔައިދިނުމުގައި އަންނަނިވި ކަންތައްތަކަށް އަލި އަޅުވާލެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
1. އާޔަތްތައް ބާވައިލެއްވުނު ސަބަބު.
2. އާޔަތްތަކާގުޅޭ ޙާދިޘާތަކަށް އަލިއަޅުވާލުން.
3. ﷲގެ ވަޙީބަސްފުޅުތަކުން ލިބޭ ޢިބުރަތްތައް ކިޔައިދިނުން.
4. ފިޤުހީ ޙުކުމްތަކާގުޅޭ އާޔަތްތަކަށް ފިޤުހީނަޒަރަކުން ބަލާލުން.
5. ﷲގެ ވަޙީބަސްފުޅުތައް އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅޭ ގޮތް ކިޔައިދިނުން.
އިސްލާމީ މަރުކަޒުގައި ސިލްސިލާކޮށް ތަފްސީރު ކުލާސް ކުރިއަށް ގެންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް ހުއްޓާލީ މީގެ ދުވަސްތަކެއް ކުރިންނެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން، ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ އެ ކްލާސް ކުރިއަށް ގެންގޮސްފައިވެއެވެ. މިހާރު އަނެއްކާ ވެސް މި ވަނީ އެކުލާސްތައް ފަށަން ނިންމާފައެވެ.

