ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒަރާއަށް ސަރުކާރުން މަތިކޮށްފައިވާ ޒިންމާތައް ވަޒީރު އާދަމް ޝަރީފް ޢުމަރު ބޭނުންފުޅުވާ ގޮތަށް ހާސިލުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގައި އައު ޕަރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާ ވިދާޅުވެއްޖެއެވެ.
ޑރ. މުނާ މިހެން ވިދާޅުވީ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ހެނދުނު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
ޑރ. މުނާ ވިދާޅުވީ ތަޖުރިބާ ލިބިލައްވައިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް ވަޒީރު ބޭނުންފުޅުވާ ގޮތަށް ހާސިލުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ލިބިލައްވައިފައިވާ ތަޖުރިބާގެ އަލީގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމުގައެވެ.
https://huvadhoomedia.com/72477/
މި ރަސްމިއްޔާތުގައި ޑރ. މުނާއަށް މަރުހަބާ ވިދާޅުވެ ވަޒީރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ވުޒާރާއާ ސަރުކާރުން މަތިކޮށްފައި މަސައްކަތްތަކަކީ ކޮބައިކަން ވިދާޅުވެދެއްވައި، އެ މަސައްކަތްތައް ހާސިލުކޮށްދެއްވައި ނަތީޖާ ނެރެދެއްވުމަށް އެންމެންނާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ޑރ. މުނާގެ ކިބައިން އެދިވަޑައިގެންފައެވެ.
އެ ވުޒާރާއަކީ އެންމެހައި މުވައްޒަފުން ނުހަނު ޝައުގުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ވަރުގަދަ ސަގާފަތެއް ގާއިމުވެފައި އޮތް މުއައްސަސާއެއް ކަމަށް ވިދާޅުވެ، ވަޒީރު ވަނީ ފަންވަތް ޕޯޓަލް ފުރިހަމަ ކުރެއްވުމަށް މުވައްޒަފުން ކުރެއްވެވި މަސައްކަތް ފާހަގަކުރައްވާފައެވެ.

