އދ. އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާއެއް މަރާލި މައްސަލައާ ގުޅޭ ބައެއް މުހިންމު ހެކިވެރިން ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ، އެ މީހުން ހޯދުމަށް ރާއްޖެއިން އިންޓަޕޯލްގެ އެހީއަށް އެދިއްޖެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވުނެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅޭ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަން ކުރިން ދައުލަތުން ކޯޓަށް އަންގާފައިވީ ނަމަވެސް، މިހާތަނަށް އެ މީހުން ތިބި ތަނަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ދައުލަތުގެ ވަކީލު މައުލޫމާތު ދެއްވި ގޮތުގައި، މި ހެކިވެރިންނަކީ ސްރީލަންކާގެ ބައެއް ކަމަށާއި، ނަމަވެސް އެ މީހުން މިހާރު ތިބި ތަނެއް ނޭނގޭ ކަމަށެވެ. އެހެންކަމުން، މިދިޔަ މަހުގެ ފަހުކޮޅު އިންޓަޕޯލްގެ އެހީއަށް އެދިފައިވާ ކަމަށާއި، މިހާތަނަށް އިންޓަޕޯލް މެދުވެރިކޮށްވެސް އެ މީހުންގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ހެކިން ހާޒިރުކުރަން މުއްދަތެއް ނެތް ގޮތަށް ފުރުސަތެއް ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ މަހުގެ ކުރީކޮޅު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ހޯދުމަށްފަހު ކޯޓަށް އަންގަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އޭގެފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ އިހުސާން ވިދާޅުވިއެވެ.

