ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރެވޭ މަސައްކަތުން ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު މިހާރަށްވުރެ ބޮޑުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޒު ޢައްބާސް ޝަރީފު ވިދާޅުވެއްޖެެއެވެ.
ޕީޖީ މިހެން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ މިއަދު ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕީޖީ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަކީ އޭނާ ހަވާލުވެވަޑައިގެންނެވި މަސައްކަތުގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށެވެ. އަދި އެކީގައި ކުރެވޭ މަސައްކަތުން ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު މިހާރަށްވުރެ ބޮޑުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ސީޕީ ޝުޖާއުއާ ބައްދަލުކުރައްވައި ޕީޖީ މިއަދު ދެއްކެވި ވާހަކައިގައި ވަނީ ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕީޖީ އޮފީހުން ވެދެއްވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިމުމަށްފަހު، ދައުވާކުރުން މިހާރަށްވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
މީގެއިތުރުން ޕީޖީ ވަނީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

