ރާއްޖޭގަައި ދިވެހިންގެ އާދަކާދަތައް ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ މީހުންގެ އާދަކާދަތަކާ ތަފާތެވެ. ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ގަބޫލު ކުރުމެއް ކަމެއް ނުވަތަ އާދަކާދަައެއް ކަމެއް ނޭނގެއެވެ. ކޮންމެ ސަބަބަކާ ހެދި ކަމުގައި ވިޔަސް ދިވެހިންނަކީ ޒުވާން އުމުރުގައި ބޮޑު ބައްޔެއް ނުވާނަމަ ޑޮކްޓަރުންނާއި ސިއްހީ މާހިރުންނާއި ސިއްހީ ފަރުވާތަކާއި އަމިއްލަ ގޭގައިި ދެވޭ ސިއްހީ ފަރުވާތަކަށްވެސް ފަރުވާ ކުޑަ ބައެއްކަމަށް ފާހަގަ ކުރެވޭ ބައެކެވެ.
ވަރަށް ކުޑަކުޑަ މިސާލަކަށް ބަލާކަމަށް ވާނަމަ ދަތްތަކަށް ވެސް ފަރުވާދޭން ދަތްތައް ޗެކްކޮށްލަން ހިތަށް އަަރަނީ ދަތެއްގައި ރިއްސާ އެރިހުން ޕެނެޑޯލް، ޕެރެސެޓެމޯލް ބުރޫފަން ފަދަ އެއްވެސް ރިހުން ކަޑުވާ ބޭހަކަށް ނުގުޑީމައެވެ. ބޮލުގައި ރިއްސުންވެސް އަދި ބަނޑެއްގައި މޭގައި ރިއްސުންވެސް ހަމަ މިފަދައެވެ. މަދު ބަޔަކު ހަމަހުން އެއްފަހަަރު ނޫނީ ތިންމަަހުން އެއްފަހަރު ޑޮކްޓަަރަށް ދައްކައި އަހަރަކު އެއްފަހަރު ނަމަވެސް ޗެކަޕެއް ހަދާލައެވެ.
އެކަމަކު އުމުރުން ދުވަސް ވުމުން ވަރަށް ބޮޑަށް ޑޮކްޓަރުންނާއި ހޮސްޕިޓަލާ ރައްޓެހިވާތަން ފެންނާނެއެވެ. މިއީ ހަގީގަތުގައި ވެސް އިންސާނާގެ ފިތުރަތުގައި ހުންނަ މައްސަލައެކެވެ. އަދި މިއީ ދިރާސާތަކުންވެސް މިހާރު ސާބިތުވެފައިވާ ކަމެއްވެސްމެއެވެ.
އުމުރުން ދުވަސްވެ މުސްކުޅިކަމަށް ހީިކުރުމަކީ ސިއްހަތާމެދު ފަރުވާތެރިވެ ކެއިންބުއިމާއި އެހެނިހެންވެސް އާދަތައް ރަނގަޅަށް ބެހެއްޓުމަށް ސަމާލުވާނެ ކަމެކެވެ.

މުސްކުޅި ކަމަށް ނުދެކޭ ފަރުދުންގެ ސިއްހަތަށް އިހުމާލުވުމުގެ ފުރުސަތު ބޮޑެވެ
އެހެން ކަމުން ތިމާގެ އުމުރުން އިއްޔެއަށްވުރެ މިއަދު މަތިކަން އަދި މާދަމާ މިއަށްވުރެ އުމުރު މަތިވާނެ ކަމާއި އަދި މިސިލްސިލާ ނިމޭނީ އަބަދުގެ އަބަދަށް ދެލޯ މެރިގެން ކަން އިހުސާސް ވާނަމަ ސިއްހަތާމެދު ސަމާލުކަން ދޭން އަވަސްވެގަންނާނެއެވެ.
ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މުސްކުޅި ކަމަށް ނުދެކޭ ފަރުދުންގެ ސިއްހަތަށް އިހުމާލުވުމުގެ ފުރުސަތު ބޮޑެވެ. މިކަން އިޝާރާތް ކުރަނީ ތަފާތު ނަފްސާނީ އަދި އިޖުތިމާޢީ ކަންތައްތަކަށެވެ. މީހުންނަށް އަމިއްލައަށް މުސްކުޅި ކަމަށް ނުދެކޭއިރު، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ގަވާއިދުން ޗެކްއަޕް ކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ބެހެއްޓުމުގެ އަވަސްކަން އިހުސާސް ނުކުރެވިދާނެއެވެ. މި ވިސްނުމަކީ ސިއްހީ މައްސަލަތަކަށް ސަމާލުކަން ނުދިނުމަށް މެދުވެރިވާ ސަބަބެއް ކަމަށާއި، އެކަން އެހެން ގޮތަކަށް މެނޭޖް ކުރެވިދާނެ ނުވަތަ އަވަހަށް އިންޓަރވެންޝަން ދިނުމުން ލުއި ކުރެވިދާނެ ކަމަށެވެ.
މުސްކުޅިވުމާ މެދު ހެޔޮ ނަމަވެސް ހަގީގީ ނަޒަރަކުން ބަލާލުމަށް ހިތްވަރު ދިނުމަކީ ދިވެހިންނަށް އުމުރުން ދުވަސްވާ ވަރަކަށް ސިއްހަތާއި ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އިސްލާމީ އުޞޫލުތަކާ އެއްގޮތަށް، ތިމާގެ ސިއްޙަތަށް ފަރުވާތެރިވުމާއި ސިއްހަތު ވީހާވެސް ދުޅަަހެޔޮކޮށް ބެހެެއްޓުމަށް ހަށިގަނޑު ބެލެހެއްޓުމަކީ الله ތައާލާ ދެއްވި ހަށިގަނޑަށް އަމާނާތްތެރިވުމެވެ.. އެހެންކަމުން މުސްކުޅިވުމުގެ އަލާމާތްތައް ދެނެގަނެ، ދީނީ އަދި އިޖުތިމާއީ މަސްއޫލިއްޔަތުތަކުގެ ތެރެއިން، އެމީހުންގެ ހެޔޮ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން މުހިންމެވެ.

