ފާއިތުވި 10 މަސްތެރޭގައި ގަވާއިދާ ޚިލާފުވެގެން 4,000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ވަނީ ފާއިތުވި 10 މަސްތެރޭގައި ގަވާއިދާ ޚިލާފުވެގެން ފޮނުވާލެވުނު ބިދޭސީންގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެގޮތުން 17 ނޮވެމްބަރު 2023 އިން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 4,054 ބިދޭސީން ވަނީ ޑީޕޯޓްކޮށްލައިފައެވެ.
ފާއިތުވި 10 މަސްތެރޭގައި ޑީޕޯޓްކޮށްލި ބިދޭސީންގެ ތަފްސީލް:
- ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް: 90 ބިދޭސީން
- ޑިސެމްބަރު: 202 ބިދޭސީން
- ޖެނުއަރީ: 237 ބިދޭސީން
- ފެބްރުއަރީ: 309 ބިދޭސީން
- މާޗް: 332 ބިދޭސީން
- އޭޕްރީލް: 240 ބިދޭސީން
- މެއި: 377 ބިދޭސީން
- ޖޫން: 690 ބިދޭސީން
- ޖުލައި: 461 ބިދޭސީން
- އޮގަސްޓް: 453 ބިދޭސީން
- ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް: 663 ބިދޭސީން
އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ޚާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

