ތިނަދޫ ސިޓީގައި ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތީގެ ލޮކޭޝަންސްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން މި މަހުގެ 29 ވާ އާދިއްތަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ބުނީ އެ ސިޓީއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ކޮންޑިޝަނަލް ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގޮތުން އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބުނު ތަރުތީބުން ގޯތި ހަމަޖެއްސުމަށްފަހު ކެޓެގަރީ A އަށް ކަނޑައެޅިފައިވާ 120 ގޯތީގެ ތެރެއިން 78 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކާއި، ކެޓެގަރީ Bއަށް ކަނޑައެޅިފައިވާ 66 ގޯތީގެ ތެރެއިން 48 ޕޮއިންޓްއަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބުނުކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކެޓެގަރީ A އިން 77 ޕޮއިންޓް ލިބުނު ފަރާތްތަކާއި، ކެޓެގަރީ B އިން 47 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ފަރާތްތަށް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
ނަމަވެސް ކެޓެގަރީ C އިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް، ކަނޑައެޅިފައިވާ އަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ހަމަވެ ޔަގީންކުރެވިފައިވާތީ، މި ކެޓެގަރީއަށް ގުރުއަތުލުމުގެ މަރުހަލާއެއް ނުބޭއްވޭނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ގުރުއަތުލުން އޮންނާނީ މި މަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ކަމަށެވެ. ހަމަ މި ދުވަހު، މި ގަޑީގައި، ކެޓެގަރީ B، A އަދި ކެޓެގަރީ C އިން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތީގެ ލޮކޭޝަންސްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
ގުރުއަތުލުމަށް ހާޒިރުވާ ފަރާތަކީ ގޯއްޗަށް އެދުނު ފަރާތް ނޫންނަމަ، އެ ފަރާތަކީ ބަދަލުގައި ފޮނުވާފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި (ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި) ގޯތި ލިބޭ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންޖެހޭނެއެވެ. އަދި ގުރުއަތުލުމަށް ހާޒިރު ނުވެވޭނަމަ، ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ، ގުރުއަތުލުން ކުރިއަށް ގެންގޮސް ނިންމާނީ ތިނަދޫ ސިޓީ ކައުންސިލުންނެވެ.

