ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓެއްގައި އުޅެމުންދާ މީހެކެވެ.
މި މައްސަލާގައި އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ފުލުހުން އޭނާ ހިފަހައްޓަން އުޅުނު ވަގުތު އެއްލައިލި އެއްޗެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 2 ފިލްމު ހުސްކުރި ދަޅު ފެނިފައިވާކަން މައްސަލާގައި ހުށަހެޅިފައިވާ ފުލުހެއްގެ ބަޔާނުން އެނގޭ ކަމަށެވެ.
އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުތަކުގެ ގޮތުގައި އަމުރުގައި ބުނެފައިވަނީ އޭނާ އެއްލައިލި އެއްޗަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވުމާއި، މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ކުރިން އޭނާ ބަންދުކޮށްފައިވުމާއި، އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހެއް ކަމަށް ބެލެވޭތީ، މިފަދަ މީހަކު ބަންދުން ދޫކޮށްލުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށެވެ.

