ނިއުޔޯކް، 20 ސެޕްޓެމްބަރ 2023 – ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަދަދުގެ ދުވަހު އދ. ގެ “ސަމިޓް އޮފް ދަ ފިއުޗަރ” ގައި ވާހަކަފުޅު ދައްކަވަމުން، މަލްޓިލެޓަރަލް ނިޒާމު އިތުރަށް ހަރުދަނާކޮށް އެދެވޭ ނަތީޖާ ނެރެވޭނެ ތިން ގޮތެއް ފާހަގަކުރައްވައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަލްޓިލެޓަރަލް ނިޒާމަކީ ހަމައެކަނި ކަނޑައެޅިފައިވާ ކޮންސެޕްޓެއްގެ ބަދަލުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގައި ޢަމަލީގޮތުން މަސައްކަތްކުރެވޭ ނިޒާމަކަށް ވާންޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ހުށަހެޅުއްވި ފުރަތަމަ ގޮތަކީ ޒުވާނުން ބާރުވެރިކުރުމެވެ. މި ގޮތުން، ޤަރާރުތަކާއި އެއްބަސްވުންތައް އެކުލަވާލުމުގައި ޒުވާނުންގެ ޝައުޤުވެރިކަމާއި ބައިވެރިވުން ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސދި ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަށާއި، އެމީހުންގެ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ.
ދެވަނަ ގޮތެއްގެ ގޮތުގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމެވެ. މި މައްސަލައަކީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އަސަރުކުރާ މައްސަލައެއްކަން ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރެއްވިއެވެ. އަދި އެހެން ހުރިހާ ޤައުމުތަކުން ވެސް އެ ޤައުމުތަކުގެ ޒިންމާ އަދާކުރުމަށް ގޮވާލެއްވިއެވެ.
ތިންވަނަ ގޮތެއްގެ ގޮތުގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަސީލަތްތަކުގެ މުހިންމުކަމެވެ. ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ ކަންކަމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކަށް ބޭނުންހިފޭފަދަ މާލީ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލެއްވިއެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ މުސްތަޤުބަލުގެ ޖީލުތަކުން ބަލަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިިންތިޒާމުތަކަށްވުރެ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަކާމެދު ނިންމި ހަރުދަނާ ނިންމުމަކަށް ކަމުގައި ވިދާޅުވެއެވެ.
މީގެއިތުރުން، ރައީސް މުއިއްޒު ވަނީ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި، އެ ސަރަޙައްދުގެ މީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

