ފަލަސްޠީނުގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިގޮތަށް ގޮވައިލެއްވީ އދ. ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިޔަށްދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ެަރައީސް ވިދާޅުވީ މުސްތަގުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށްވުރެ ބައިނަލްއަގުވާމީ މުޖުތަމައުން އެކަމަކާމެދު ނިންމި ހަރުދަނާ ނިންމުމަކަށް ކަމުގައެވެ.
އެހެންކަމުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް ގޮވާލެއްވިއެވެ.
މީގެއިތުރުން ރައީސް ވަނީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލައްވައިފައެވެ.
އދ. ގެ ޕްލެނަރީ ސަމިޓް އޮފް ދަ ފިއުޗަރގައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ހިތްވަރާއެކު ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހިތްވަރު ހުންނަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

