ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސާޖަންޓް އާދަމް ޙަލީމްގެ މަރުގެ މައްސަލައިގައި މުޙައްމަދު ސަމާހުގެ މައްޗަށް 12 އަހަރު ކުރިން ކޮށްފައިވާ މަރުގެ ޙުކުމް އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ 5 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ކުށަށް އެއްބަސްވިކަމުގައި ވިޔަސް، އިތުރު ހެކި ބޭނުންވާ ކަމަށާއި، ސަމާހުގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތުނުވާނެ ކަމަށެވެ. އަދި ނިޔަތް ދެނެގަންނަންވާނީ މިނިވަން ހެއްކާއި ޤަރީނާއިން ކަމަށާއި، ސަމާހުގެ ހެކިވެރިންގެ ހެކިބަސް ނަގާފައިނުވާ ކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.
މައްސަލަ އަލުން ބެލުމަށް ނިންމާފައިވަނީ، ސަމާހު ބުނަނީ ބިރުދައްކައިގެން އިޢުތިރާފުވީކަމަށް ކަމަށާއި، އިޢުތިރާފުގެ ބޭރުން އިތުރު ހެކި ނެތުމުންނެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގައި ކަނޑައަޅާފައިވާ މުހިންމު އެއް ނުކުތާއަކީ ބަޔާނުގެ ތަންތަންކޮޅު ނަގައިގެން ބޭނުން ކުރުން ރަނގަޅު ނޫންކަމެވެ. މިއީ ޝަރުޢީ ދާއިރާގައި ވަރަށް މުހިންމު ނިންމުމެއް ކަމަށް ޤާނޫނީ ވަކީލުން ދެކެއެވެ.
މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ކ. ކާށިދޫގައި ޕޮލިސް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އޭނާގެ ގާޠިލް، މުޙައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުއެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

