އިމާމުގެ ވަޒީފާއަކީ ނަބީބޭކަލުންގެ ޙަޔާތްޕުޅުން އިސްލާމީ އުންމަތަށް ފެންނަން އޮތް ވަރަށް މަތިވެރި އަދި ޝަރަފްވެރި ވަޒީފާއެއްކަަމަށާއި އިސްލާމް ދީނުގައިވާ މާތް އަޅުކަމަކީ ޖަމާޢަތުގައި ކުރެވޭ އަޅުކަމާ އެ ޖާމާޢަތުގެ ވެރިއާ ކުރައްވަނީ މަތިވެރި އަޅުކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިމާމުންގެ އަހަރީ މަހާސިންތާގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު މިހެން ވިދާޅުވެ ފާހަގަ ކުރެއްވީ އިމާމުންނަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ސަޙްސިއްޔަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވައި ބައެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިމާމުކަން ކުރާނެ ޙަތީބުންނާއި އިމާމުން ތަމްރީނުކުރުމުގައި ޤައުމީ މުހިންމު މަސައްކަތްތަކެއް މުސްތަޤްބަލުގައި ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“އިމާމުންގެ ގޮތުގައި ވަޒީފާ އަދާ ކުރައްވައި ފަރާތްތަކަށް ލިބޭ މުސާރައަކީ މުހިންމު އެއްޗެއް. އެހެން ނަމަވެސް އަޅުގަނޑުމެން ހިތުގައި އިމާމުކަމަށް އޮތް އެންމެ އިސް މަޤާމަކަށް ވާންޖެހޭނީ މާތް ﷲ ދެކެ ލޯބިވެވޮޑިގަންނަވައި، އެ މަތިވެރި މަޤާމު އަދާ ކުރުން.” ޝަހީމް
ހަމައެއާއެކު ޤައުމު މިވަގުތު މާލީ ދަތި ޙާލަތެެއްނަމަވެސް ލިބެންހުރި ވަސީލަތްތަކާއި ވުޒާރާގެ މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ވުޒާރާއިން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

