ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯ (ސީޕީސީ) ގެ މެންބަރު އަދި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރ ވަންގް ޔީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު، ޗައިނާގެ ސީޕީސީގެ ޑިރެކްޓަރާ ބައްދަލުކުރެއްވީ އދ. ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ އދ. ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އދ. ގެ 79 ވަނަ އާންމު މަޖިލީހުގައި ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއިން ޗައިނާއާއެކު އޮންނަ ގުޅުމަށް ދޭ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވައިލައްވައިިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ އެއްބަސްވުންތަކާއި މަޝްރޫއުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ވަންގް ޔީ ގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ.

