އަންހެނަކާ ބައިވެރިވެގެން، ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް ގިނަ އަދަދެއްގެ ފައިސާ ފޭރުމުގައި ބައިވެރިވި ފިރިހެންމީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި، ކޮޓަރިއަކަށް ދިއުމަށް އޭނާއަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަމަގުގައި ހުރި ގެސްޓުހައުސްއަކަށް އޭނާ ގެންގޮސް ފޭރުނު މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކޮށްފައިވަނީ ފިރިހެން މީހާއަށް ދައުވަތު ދިން ސ.މަރަދޫ، ކުންނާރުމާގޭ ޢާއިޝަތު މަލްޖާ މޫސާދީދީ (27 އ) އާއި ފޭރުމުގައި ބައިވެރިވި މއ.ފަޒާ، އިކްލީލް އިބްރާހިމް (41 އ) އެވެ.
މި ދެ މީހުންވެގެން ފިރިހެން މީހާ ރަހީނުކޮށް، އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53,000 ރުފިޔާ ފޭރިގަނެފައިވެއެވެ.
މި މައްސަލާގައި މިއަދު އިކްލީލް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ އިތުރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން މި މައްސަލާގައި ފޭރުނު ފައިސާ، އިކްލީލްގެ އެކައުންޓަށް ޖަމާވެފައިވާކަން ބޭންކް ސްޓޭޓްމަންޓުން އެނގެއެވެ.

