އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް ގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު އިންޑޮނޭޝިއާއާއަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 24-26 އަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު ޑރ. ޚަލީލް އިންޑޮނޭޝިއާގެ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވައި ސިއްހީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތް ކުރައްވާނެއެވެ.
މިނިސްޓަރު ޑރ. ޚަލީލް ޚާއްސަކޮށް އަލިއަޅުވައިލައްވާނީ ޕްރައިމަރީ ހެލްތު ކެއަރ، އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދިނުމުގެ ކަންކަމާއި، ހެލްތު އިންފޮމޭޝަން ސިސްޓަމްތަކާއި، ސިއްހީ ޚިދުމަތްތަކުގައި ޑިޖިޓަލް ޓޫލްސް ބޭނުންކުރުންފަދަ ދާއިރާތަކަށެވެ. އަދި އިންޑޮނޭޝިއާގައި މިފަދަ ކަންކަން ކުރަމުންދާ ގޮތް ބައްލަވައި، އެ ގައުމުތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓްގެ އަމާޒަކީ މެންބަރު ގައުމުތަކުން ނޭޝަނަލް އެންވަޔަރަމަންޓަލް ހެލްތު އެކްޝަން ޕްލޭންތައް ތަންފީޒުކުރަން ހިތްވަރުދިނުމެވެ.
ޑރ.ޚަލީލް ވިދާޅުވީ ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކިއެކި ވަސީލަތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ސިއްހީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައްް އެކުލަވައިލުމުގައި މެންބަރު ގައުމުތަކުން އެހީތެރިވެދޭނެ ކަމަށެވެ.

