ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމުގެ ޚަރަދު 60 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިންފުނިން މިއަދު ހާމަކޮށްފިއެވެ. މިގޮތުން ހިންގުމުގެ ޚަރަދުން 92 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރު ހިންގުމުގެ ޚަރަދުގެ ގޮތުގައި 150.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު 59.9 މިލިއަން ރުފިޔާއަށް ދަށްކުރެވިފައިވެއެވެ.
ފެނަކައިގެ އެންމެ ބޮޑު ޚަރަދެއް ހިނގަނީ ލޮޖިސްޓިކް ދަތުރުތަކަށް ކަމަށް ފާހަގަކޮށްފައިވާއިރު، މި ބައިން ވެސް ޚަރަދު ވަނީ ބޮޑުތަނުން ކުޑަކޮށްފައެވެ. 2023 ވަނަ އަހަރު ލޮޖިސްޓިކް ދަތުރުތަކަށް 74.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު 11.7 މިލިއަން ރުފިޔާއަށް ދަށް ދަށްކޮށް، 84 އިންސައްތައިގެ ކުޑަކުރުމެއް ގެނެސްފައިވެއެވެ.
މީގެ އިތުރުން، ފެނަކައިން ވަނީ ސީއެސްއާރް ޚަރަދުތައް މިއަހަރު މުޅިން ހުއްޓާލާފައެވެ. އަދި މެނޭޖްމަންޓުގެ ބޭރު ދަތުރުތަކަށް ކުރާ ޚަރަދު 69 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ. މުވައްޒަފުންގެ ވެލްފެއަރއަށް ކުރާ ޚަރަދުތައް ވެސް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.
ފެނަކައިން މިފަދަ ބޮޑު ބަދަލެއް ގެނެސްފައިވަނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ޚަރަދުތައް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކަމަށް ބެލެވެއެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

