ހެލްތު މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ފުލުހުން ގޮސް "ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް" ބަންދުކޮށްފިއެވެ. މި ކްލިނިކް ބަންދުކުރީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދާ ހިޖާމާ ޖެހުމުގެ ޚިދުމަތް ދެމުން ދިޔުމުގެ ސަބަބުންނެވެ.
ފުލުހުން މިދިޔަ އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، މި ކްލިނިކް ބަންދުކުރުމަށް ހެލްތު މިނިސްޓްރީން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވެއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ކްލިނިކްގެ ވެރިފަރާތް ކަމަށްވާ ފަޒީލާ އުސްމާނަށް ޤާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށް އަންގާފައިވާ ކަމަށެވެ. އަދި ހުއްދަ ލިބެންދެން ޚިދުމަތްތައް ހުއްޓާލުމަށް ލިޔުމުން އަންގާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގައި ފުލުހުން ހިންގާ ތަޙްޤީޤަށް ފަޒީލާ އެއްބާރުލުން ދެމުންދެއެވެ. މިއީ މި ކްލިނިކް ބަންދުކުރުމަށް އަންގާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރުވެސް ހެލްތު މިނިސްޓްރީން ވަނީ، ހުއްދަ ނުނަގާ ޚިދުމަތް ދެމުންދާތީ ފަޒީގެ ކްލިނިކް ބަންދުކުރުމަށް އަންގާފައެވެ.
މި މަހުގެ 11 ވަނަ ދުވަހު ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ބާވަތެއްގެ ޞިއްޙީ ޚިދުމަތެއް ދޭންވާނީ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ތަނެއް ރަޖިސްޓްރީކުރުމަށް ފަހު ކަމަށެވެ. އަދި މި ގަވާއިދާ ޚިލާފަށް ރަޖިސްޓްރީނުކޮށް ދިވެހި ބޭހާއި ހިޖާމާގެ ޚިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތު މިނިސްޓްރީން އިތުރަށް އަންގާފައިވަނީ، ރަޖިސްޓްރީނުކޮށް، ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ޞިއްޙީ ޚިދުމަތެއް ދިނުމަކީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާމެދު ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

