އިއްޔެ މާލޭގައި ދެ ގެއެއް ބަލާ ފާސްކުރުމަށްފަހު ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މަޢުލޫމާތު ދީފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަނުން ބުނާ ގޮތުގައި މި ދެ ބިދޭސީން ހައްޔަރުކޮށްފައިވަނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކު ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ހޯމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 17 ނޮވެމްބަރު 2023 އިން މިއަދާ ހަމައަށް 4,054 ބިދޭސީން ވަނީ ރާއްޖެއިން ފުރުވާލާފައެވެ.
ކޮންޓްރޯޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އަތޮޅުތަކުގައިވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ. އަދި މި މައްސަލަ ތިން އަހަރުގެ ތެރޭގައި ޙައްލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަމްއާން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ވޯކް ޕާމިޓް ފީ ފަދަ ފީތައް ނުދައްކާ ތިބި ފަރާތްތަކުން މިހާރު އެ ފީތައް ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ކުރިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ ބިދޭސީން މިހާރު ގަވާއިދުގެ ތެރެއަށް ވަންނަން މަސައްކަތްކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އިމިގްރޭޝަނުން މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ވަކި ޤައުމަކަށް އަމާޒުނުކޮށް، ހަމަހަމަކަމާއެކު ކަމަށް ޝަމްއާން ވަނީ ޔަޤީންކަން ދެއްވާފައެވެ.

