ފުވައްމުލައް ސިޓީގައި ވާލުގެ އުނދަގޫ ބޮޑުވެ، ވާލު މެރުމަށް އަންނަ ބުރާސްފަތި ދުވަހު ސިފައިން ބަޑިޖަހަން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިޢުލާނެއްގައެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި، އެ ސިޓީގައި ވާލުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ، ރައްޔިތުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވަމުންދެއެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، 26 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވާލު މެރުމަށް ބަޑިޖަހަމުން ގެންދާނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
“ފުވައްމުލަކު ސިޓީ ކައުންސިލްއާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް ގުޅިގެން ވާ މަދުކުރުމުގެ ޕްރޮގްރާމެއް 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން މި ސިޓީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ،” ކައުންސިލުން ވިދާޅުވިއެވެ.
ވާލުގެ އާބާދީ އިތުރުވުމުގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން، ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި އަނބުގަސްތަކުގައި އަޅާ އަނބު ކެއުމުގެ މައްސަލަ ވެސް ހިމެނެއެވެ.
ފުވައްމުލަކަކީ ދަނޑުވެރިކަން ކުރާ ރަށަކަށްވުމުން، ވާލު ގިނަވުމުގެ ސަބަބުން އޭގެ އެންމެ ބޮޑު އަސަރެއް ކުރަނީ ދަނޑުވެރިންނަށެވެ. ކައުންސިލުން ބުނާ ގޮތުގައި، ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގެ ދަނޑުވެރިންނާއި ގޭގޭގައި ހުންނަ ގަސްތަކަށް ވާލުގެ އުނދަގޫ ވަރަށް ބޮޑެވެ.
މީގެ ކުރިން ވެސް ފުވައްމުލަކުގައި ވާލުގެ އުނދަގޫ ބޮޑުވެގެން ކައުންސިލުގެ އެދުމުގެ މަތިން ސިފައިން ވަނީ ބަޑިޖަހައި ވާލުގެ އާބާދީ ކޮންޓްރޯލު ކުރުމަށް އެހީތެރިވެދީފައެވެ. މިފަހަރުގެ މި ޕްރޮގްރާމަކީ ވެސް ވާލުގެ އާބާދީ ކޮންޓްރޯލު ކުރުމަށް ކުރެވޭ މަސައްކަތެކެވެ.

