ރާއްޖޭގެ ރަށްރަށުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީ އެ ރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒާއި ހޮސްޕިޓަލުން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިޢުލާނު ކޮށްފިއެވެ.
އެމްއެފްޑީއޭއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން 18 ސެޕްޓެންބަރު 2023 ގައި ގެޒެޓްކުރެވުނު “ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުސޫލު ބަޔާންކުރާ ގަވާއިދު” އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެމްއެފްޑީއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކޮށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ “ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށެވެ. ނަމަވެސް މި ޕްލެޓްފޯމް ރަށްރަށުގައި ބޭނުންކުރެވޭނެ ގޮތް ހަމަޖެހެންދެން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކޮށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑީގައި 3014361 ނަންބަރަށް އަދި ރަސްމީ ނޫން ގަޑިތަކުގައި 7603204 ނަންބަރަށް ގުޅުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.
މި އައު އުސޫލުގެ ސަބަބުން ރަށްރަށުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަމާއި ފެންވަރު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

