ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބީއެމްއެލް ސްޓާޓަޕް ގްރާންޓް 2024 އަށް ހުށަހެޅުމުގެ ފުރުސަތު
މިއަދު ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން ބުނީ މިއީ އުފެދެމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ދޫކުރާ ހިލޭ އެހީއެއް ކަމަށެވެ.
ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވައި، އޭގެތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބުކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިންގ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިގުތިސާދެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
އަޅުގަނޑުމެންގެ މި ގްރާންޓް ޕްރޮގްރާމުން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް.
އޭނާ ވިދާޅުވީ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުންމީދުތަކަކީ އިގުތިސާދަށް
ފައިދާކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ސްޓާޓްއަޕް ގްރާންޓް ތިންވަނަ އަހަރެއްގައި ވެސް ހިންގޭ ކަމީ ބީއެމްއެލްއަށް ލިބޭ ފަޚުރެއް ކަމަށެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 17 ވަނަ ދުވަހުގެ ރޭ 23:59 އެވެ. ހުށަހަޅަންޖެހޭނީ startupgrant@bml.com.mv މި އީމެއިލް މެދުވެރިކޮށެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

