އިންޑިޔާގެ ކެރެލާއިން މަންކީ ޕޮކްސް ނުވަތަ މަކުނު ވިދުރީގެ އާ ވޭރިއެންޓެއް ފެނިއްޖެއެވެ.
މިކަން ހާމަކޮށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ބުނީ މަކުނު ވިދުރީގެ އާ ވޭރިއެންޓަށް ޕޮޒިޓިވްވެފައި ވަނީ ޔޫއޭއީއަށް ދަތުރުކުރުމަށް ފަހު މިދިޔަ ހަފުތާގައި އިންޑިއާއަށް އެނބުރި ދިޔަ އެގައުމުގެ މީހެއްގެ ފަރާތުން ކަމަށާއި މި ބަލީގެ މި ވޭރިއަންޓަށް ޕޮސިޓިވް ވެފައިވަނީ އުމުރުން 38 އަހަރުގެ މީހެއް ކަމަށެވެ.
އަދި އޭނާގެ ފަރާތުން މަކުނުވިދުރިގެ އަލާމާތްތަކެއް ފެނިގެން މަލައްޕޫރަމްގެ ގަވަމެންޓް މެޑިކަލް ކޮލެޖުގައި އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށާއި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށް ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީ އިން ހާމަކުރެއެވެ.
އޭގެ އިތުރުން އެ ގައުމުގެ ބަލި ނުފެތުރޭނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހުނު ނަމަވެސް ގިނަ ބަޔަކަށް ބަލި ފެތުރުމުގެ ނުރައްކާ ނެތް ކަމަށް ވެސް އެގައުމުގެ ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ކެރެލާގެ ސްޓޭޓުގެ ހެލްތު މިނިސްޓްރީން ވަނީ ގައުމުން ބޭރު އަންނަ މީހުންގެ ފަރާތުން މި ބަލީގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ އެ ގައުމުގެ ހެލްތު ޑިޕާޓްމެންޓަށް އެކަން އަންގައި ވީހާވެސް އަވަހަށް ފަރުވާ ހޯދުމަށް އެދިފައިވާއިރު އެ މިިނިސްޓްރީން ވަނީ ކެރަލާގެ ހުރިހާ މެޑިކަލް ކޮލެޖަކުން ވެސް މަކުނު ވިދުރިއަށް ފަރުވާ ކުރެވޭނެ ކަމަށް ބުނެފައެވެ.
ދިވެހި ސަރުކާރުން ހާމަކުރާ ގޮތުގައި މިހާރު ރާއްޖޭގައި ވެސް މި ބައްޔަށް ޓެސްޓު ކުރެވި ފަރުވާ ވެސް ދެވޭނެއެވެ.
މަކުނުވިދުރީގެ މިހާރު ފެތުރެމުންދާ ވޭރިއެންޓް އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން. ނަމަވެސް އެހެން ގޮތްގޮތުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން، ބަލި ޖެހިފައި ހުންނަ މީހާގެ ހަމުގައި ހުންނަ ބިހިތަކުން ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓުފަދަ ތަކެތީގައި ޖެހުމުން ވެސް ބަލި ފެތުރޭ އިރު ނޭވާލާ ނިޒާމުގެ ޒަރީއާއިންނާއި ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓްވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ.
އިންޑިޔާއިން މި ބަލި ފެނިފައިވާއިރު މި ބައްޔަށް ޓެސްޓު ކުރުމަށް އިންޑިއާގައި 20 ވުރެ ގިނަ ލެބްތައް އެ ގައުމުގައި ގާއިމް ކޮށްފައިވެއެވެ.

