ދިވެހިރާއްޖެއަކީ 2040 ވަނަ އަހަރާ ހަމައަށް އާދެވޭއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަންތީގައި ގުނާލެވޭ ޤައުމަކަށް ހެދިދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި މިރޭ ތަޤުރީރު ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނުގެ ތަޞައްވުރު ކަމަށާއި، މިކަން ހާސިލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
“ތަރައްޤީވެފައިވާ ޤައުމަކަށްވުމަކީ ދަތި އަދި އުނދަގޫ ކަމެއްގެ ގޮތުގައި މިހާރު ފެނުނު ނަމަވެސް ހަރުދަނާ ޕްލޭނެއް އޮތްނަމަ އެއީ ހާސިލުނުކުރެވޭނެ ކަމެއް ނޫން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 1965 ގައި މިނިވަންކަން ލިބުނުއިރު ރާއްޖެ ހިމެނެނީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ކަމަށާއި، އޭރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ލިޔަންކިޔަން ނޭނގޭ ކަމަށެވެ. އަދި ދުނިޔެއަށް އުފަންވާ ކޮންމެ 10 ކުއްޖެއްގެ ތެރެއިން، އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން އުމުރުން އަހަރު ނުވަނީސް މަރުވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު ރާއްޖެއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމެއް ކަމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަންތީގައި ގުނާލެވޭ ޤައުމަކަށް ހެދިދާނެ ކަމަށެވެ. މިކަން ހާސިލުކުރެވޭނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އިންވެސްޓްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެކަން ކުރެވޭނީ ރާއްޖޭގެ އިޤްތިޞާދަކީ ފުރިހަމައަށް ޑިޖިޓައިޒްވެފައިވާ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކުރިއަށްދާ ޤައުމަކަށް ބަދަލުކޮށްގެން. އަދި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މި ވާހަކަފުޅުތަކުން ދޭހަވަނީ، ރާއްޖޭގެ މުސްތަޤުބަލާ މެދު އެމަނިކުފާނު ކުރައްވާ އުއްމީދާއި، އެ އުއްމީދު ހަޤީޤަތަކަށް ހެއްދެވުމަށް ކުރައްވަން ގަސްތުކުރައްވާ މަސައްކަތްތަކެވެ. މިއީ ދިވެހި ރައްޔިތުންނަށް އުފާވެރި ޚަބަރެއް ކަމުގައި ބެލެވެއެވެ.

