އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި ދެއްވި ތަޤުރީރުގައި، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޗާޓެއް ބޭނުންކުރައްވައިގެން ހާމަކޮށްދެއްވައިފިއެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން އަސަރުނުކުރާ ޤައުމެއް ނެތް ކަމަށެވެ. ނަމަވެސް، މި މައްސަލަތައް އިތުރަށް ގޯސްވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އެކަށީގެންވާ މަސައްކަތެއް ނުކޮށް، އެކަމާ އަޅާނުލާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުމުގައި އޮތް އދ.އެއް. ނުތަނަވަސްކަމުގައި އޮތް އދ.އެއް ނޫން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި މައްސަލަތަކަށް ބައިނަލްއަޤްވާމީ ނިޒާމެއްގެ ތެރެއިން ހައްލުތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި ޢަމަލީގޮތުން މަސައްކަތެއް ނުކޮށް، ހަމައެކަނި ވާހަކަތަކެއް ދެއްކުމަށް ވަގުތު ނެތްކަންވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މި ތަޤުރީރުގައި ރައީސް ޑރ މުޢިއްޒު ބޭނުންކުރެއްވި ޗާޓުން، ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާއި އޭގެ ސަބަބުން ކުރާ އަސަރުތައް ވަރަށް ސާފުކޮށް ދައްކުވައިދެއްވިއެވެ. މިކަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން މި މުހިންމު މައްސަލަތަކަށް ގެނައުމަށް ރައީސް ޑރ މުޢިއްޒު މަސައްކަތްޕުޅު ކުރެއްވިކަން ފާހަގަކުރެވެއެވެ.

