އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދިވެހި ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކާ ގުޅިފައިވާ ދަތުރުފުޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އދ. އަށް ކުރައްވާ ދަތުރުފުޅުކީ ދިވެހި ރައްޔިތުންނަށް، ޚާއްސަކޮށް މިއަދު ރާއްޖޭގެ މިއޮތް ހާލަތާއެކީގައި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދުތަކަކާ ގުޅިފައިވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސް މި ދަތުރުފުުޅުގައި ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ކުރައްވާނެ ބައެއް މަސައްކަތްޕުޅުތަކުގެ ވާހަކަ ރައްޔިތުންނާ ހިއްސާކުރެއްވިކަން ވެސް މިިނިސްޓަރު ފާހަގަަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މީގެކުރިން އިންޓަނޭޝަނަލް ޕްލެޓްފޯމްގައި ރައީސް ދައްކަވަމުން އެ ގެންދެވި ހިތްވަރާއި ކެރުންތެރިކަން އަދި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުން އެނގެނީ މިފަދަ ޕްލެޓްފޯމެއްގައި ރައްޔިތުންގެ ހައްގުގައި ވީ އެންމެ ބޮޑަށް ކެޕްޓަލައިޒްކުރައްވާނެ ކަން ކަމަށެވެ.
އެހެންވީމައާ އެކީގަ ވަރަށް ބޮޑެތި ކުރިއެރުންތަކެއް މި ދަތުރުފުޅާ ގުޅިފަ އެބަހުރި.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ފެނިގެންދަނީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ އަޑު އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގަ ވަރަށް ބާރުވެގެންދާ ތަން ކަމަށެވެ.
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމެރިކާއަށް އަދި އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އދ. ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ތަގުރީރުކުރައްވައިފައެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ “ސަމިޓް އޮފް ދަ ފިއުޗަރ”ގައި ބައިވެރިވެވަޑައިގެންފައެވެ.

