ނޭވާލާ ނިޒާމަށްޖެހޭ ބައްޔެއްކަމަށްވާ ރެސްޕިރޭޓަރީ ސިންސީޝަލް ވައިރަސް (އާރްއެސްވީ) ގެ ކޭސްތައް ކުޑަކުދިންގެ ތެރޭގައި ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުު ބުނެފިއެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާރްއެސްވީގެ ކޭސްތައް ކުޑަކުދިންގެ ތެރޭގައި ފެތުރެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެހެންވެ، މިކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ވަނީ މި ބަަލި ފެތުރެމުންދާތީ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ރަނގަޅަށް އަތް ދޮވުމަށާއި ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދުކުރުމަށާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އާރްއެސްވީގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތްތައް ހިމެނެއެވެ.
މިފަދަ އަލާމާތްތައް ފެންނަ ފަރާތްތަކުން ވަގުތުން ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮޮށްފައެވެ.

