ލ. ގަމާއި ފޮނަދޫގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޚިދުމަތް އޮކްޓޯބަރު މަހުގައި ފަށާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނިން މި ފަދައިން ބުނެފައިވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ. ޕީއެސްއެމް އަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ކުނި އުކާލުމުގެ ހިދުމަތް ފެށުމަށްޓަކައި މިހާރުވެސް ގަމާއި ފޮނަދޫގައި ވެމްކޯގެ ޓީމްތައް ހަރަކާތްތެރިވަމުންދާކަމަށެވެ.
އޮކްޓޯބަރު މަހުގެ ކުރީ ކޮޅުގައި އެ ވެމްކޯގެ މަސައްކަތްތައް ފެށުމުގެ ގޮތުން އެ ސައްކަތަށް ބޭނުންވާ މުވައްޒަފުން ނަގާ އެމީހުންނަށް ތަމްރީންތައް ދިނުމުގެ މަސައްކަތާއި އެ ކުންފުނީގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ އޮފީސް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ކުނި ނެގުމުގެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މެޝިނަރީ އެ ރަށަށް ގެންދިއުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން ވެމްކޯ އިން ބުނީ ގަމާއި ފޮނަދޫގައި ޚިދުމަތް ދޭނީ ވަކިން ކުނި މެނޭޖުކުރާ ގޮތަށް ކަމަށާއި ކުނި ނެގުމުގެ މަސައްކަތްތައް ކުރާއިރު ބާވަތްތައް ވަކިކޮށްގެން ކުނި ނެގުމާއި ކުނި މެނޭޖުކުރުމުގައި އެންމެ ރަނގަޅު ގޮތްތައް ޚިޔާރުކުރާނެކަމަށެވެ.
ވެމްކޯގެ ހިދުމަތް އެ ލާމު އަތޮޅަށް ތަޢާރަފުކޮށް ޚިދުމަތަށް ހޭލުންތެރިކުރުމަށް ޚާއްސަ އާއިލީ ހަވީރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ހަވީރު ކުރިއަށް ދާނީ ފޮނަދޫގައި މިމަހުގެ 27 ވަނަ ދުވަހު އަދި ގަމުގައި 29 ވަނަ ދުވަހުގައެވެ.
ވެމްކޯގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކޮށް އެ ކުންފުނިން ދޭ ހިދުމަތްތައް ވެސް ފުޅާ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ކުނި އުކާލުމުގެ އިތުރުން އެ ކުންފުނިން ވަނީ ފޮޅާ ސާފު ކުރުމުގެ ހިދުމަތް ވެސް ފަށާފައެވެ. އެ ކުންފުނިން ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ޚިދުމަތް ފަށާފައި ވާއިރު އޭގެއިތުރުން ކ. މާފުއްޓާއި ރ.ވަންދޫގައި ހިދުމަތްތައް ގާއިމްކޮށްފައިވެއެވެ.

