ގދ. ކަނޑެވާރެހާގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
އެރަށުގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް ހޯނޑޭއްދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ކަނޑެވާރެހާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ޝަރުތު ހަމަވާ ދިވެހި، އަދި ބޭރުގެ އިންވެސްޓަރުންނަށް ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާލާފައިވާ ކަމަށާއި ބިޑުކުރުމަށް ހުޅުވާލާފައިވާ މުއްދަތު 17 ނޮވެމްބަރުގައި ހަމަވާނެއެވެ.
އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ދިނުމަށް ބާއްވާ މީޓިންގައި ބައިވެރިވުމަށް އަންނަ މަހުގެ 13ވަނަ ދުވަހުގެ 14:00ގެ ކުރިން، info@hoandehdhoo.gov.mv އަށް، ޝައުގުވެރިވާ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު ފޮނުވަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ރަށް ކުއްޔަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާއިރު ރަށުގެ ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 700،000 ޑޮލަރު ( 10.7 މިލިއަން ރުފިޔާ) ރުފިޔާކަމަށާއި ރަށް ކުއްޔަށް ނަގާ ފަރާތުން ދެއަހަރާއި ހަ މަސްދުވަހުގެ ތެރޭގައި އެރަށުގެ ކަޮންސްޓްރަކްޝަން މަސައްކަތް ނިންމަންޖެހޭނެކަމަށްވެސް އިއުލާންގައިވެއެވެ.
އޭގެ އިތުރުން އެ ރަށް ކުއްޔަށް ދިނުމަށް އެކުލަވާލާފައިވާ މައުލުމާތު ކަރުދާހުގައިވާ ގޮތުން މި ރަށް ކުއްޔަށް ހިފާ ފަރާތަކަށް އަހަރެއްގެ މައްޗަށް 38 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށާއި އަހަރެއްގެ މައްޗަށް ސާފު ފައިދާގެ ގޮތުގައި 10 މިލިއަންނާއި 22 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއްގެ ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
ކަނޑެވާރެހާއަކީ ހޯނޑެއްދޫއާއި އެއް ފަޅެއްގައި އޮންނަ ފަޅު ރަށެވެ. އެ ރަށަކީ ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ކުޑަ ރަށެކެވެ.

