މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރާ “ނިޢަމް ރެސިޑެންސް” މަޝްރޫއުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ނިޢަމް ރެސިޑެންސް މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
އެފްޑީސީއިން ބުނީ މި އެއްބަސްވުމުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވް ގޭސް އާއެކުވެސް ފަހުމުނާމާއެއްގެ ދަށުން މިފަދަ ޚިދުމަތްތައް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެ ކުންފުންޏަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުންފުނީގެ މެންޑޭޓަށް އައި ބަދަލާއެކު، އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
އެފްޑީސީން ބުނީ މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ މި ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވި، އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް އެެފްޑީސީން ވަނީ ބުނެފައެވެ.

